English Edition
Dhivehi Edition

ރާއްޖޭގައި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ ދޭން ނިންމައި، އެކަމާ ގުޅޭ އުސޫލުތައް ހިމެނޭ ގަވާއިދު ވަކީލުން ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު އޮންނަ ބާ ކައުންސިލުން އެކުލަވާލައި، އާންމުކޮށްފިއެވެ.

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ލޯ ފާމް އެއް ނުވަތަ ލީގަލް ޕްރެކްޓިސެއް ނުވަތަ ބަންޑާރަނައިބުގެ އޮފީސް ނުވަތަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން، ރާއްޖޭގެ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއްގައި ބިދޭސީ ގާނޫނީ ވަކީލަކު ވަކާލާތުކުރުމަށް އެދި ހުށަހަޅައިފިނަމަ، ބާ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން، އެ މައްސަލައެއްގައި ވަކާލާތުކުރުމުގެ ހުއްދަ އެ މީހަކަށް ދެވިދާނެ ކަމަށް އަލަށް ފާސްކުރި ގާނޫނީ ފަންނުގެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެ ޤަވާއިދުގައިވާ ގޮތުން، ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދެވޭނީ، އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ އިއުތިރާޒެއް ނެތް ނަމަ އެވެ. އަދި އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުރާނެ މީހަކު ވެސް ހުންނަން ވާނެ ކަމަށް ޤަވައިދުގައިވެއެވެ.

މީގެ އިތުރުން ހައި ކޯޓުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭކަމަށް ބުނެފައިވާއިރު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ވެސް އޮންނަން ޖެހެއެވެ. އަދި ސުޕްރީމް ކޯޓުގައި ހިނގާ މައްސަަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި، ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެއެވެ.

ބިދޭސީ ޤާނޫނީ ވަކީލުންނަށް ހުއްދަ ދިނުމުގައި އެ ވަކީލަކު ވަކާލާތުކުރަން އެދޭ މައްސަލަ ހިނގަމުންދާ ޝަރުޢީ ކޯޓަކުން ބަލައި، ހުއްދަ ދިނުމަށް ފީ އެއް ނަގުމަށްވަނީ ހަމަޖެހިފައެވެ.އެގޮތުން ދަށު ކޯޓުގައި ވަކާލާތު ކުރުމަށް ނަމަ، 2000/- ރ.، ހައި ކޯޓުގައި ވަކާލާތު ކުރުމަށް 5000/-ރ. އަދި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރަން ބޭނުން ނަމަ 10،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.