ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމަށްޓަކައި ، މުއައްސަސާގެ ކަރާމަތާ ޝަރަފަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ ޢިމްރާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ތެރެއިން އެއްފަރުދަކު ނުވަތަ މަދު އަދަދެއްގެ ފުލުހުން ކޮޅެއް ކުރާކަމެއްގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ނުތަނަވަސްކަމާއި، ހިތްހަމަނުޖެހުން އުފެދިގެން ދިއުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފުލުހުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
“އަޅުގަނޑުމެން އެދެނީ ފުލުހުންނަކީ ރައްޔިތުން އެދޭފަދަ ޚިދުމަތެއްކުރާ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި، އިހުތިރާމް ލިބިގެންވާ ބަޔަކަށްވުން”، މިނިސްޓަރ ވިދާޅުވިއެވެ.
މިިސިފަ ފުރިހަމަކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ޝަރަފާއި ކަރާމަތް ހިމާޔަތްކުރުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޢިމްރާން ވިދާޅުވީ އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަން ކަމަށާއި، ފުރަތަމަ ސިފައަކީ އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަނަވަސްކަންކަން ކަމަށެވެ. އަދި ދެވަނަ ސިފައަކީ ފުދުންތެރިކަމާއި އަމާންކަން ކަމަށާއި، މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރުވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރުން ފުލުހުންނާމެދު ކުރާ އުއްމީދު ބޮޑުކަމަށާއި، ފުލުހުންގެ ވަޞީލަތްތައް ޤާއިމްކުރަން ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް ބަލައިގަންނަވާ ކަމަށާއި، މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީވެސް އޭގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މިސަރުކާރުން ފުލުހުންނާމެދު ވަރަށް މަތީ އުއްމީދުތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް، ފުލުހުންނަށް ޤާއިމްކޮށްދޭންޖެހޭ ވަޞީލަތްތައް ޤާއިމްކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ޒިންމާއެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރަމުން ގެންދަވާކަމަށެވެ.
ހުޅުމާލޭގައި ފުލުހުންގެ މިފަދަ ފުރިހަމަ ސްޓޭޝަނެއް އިމާރާތް ކުރެވިގެން ދިއުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގެ އާބާދީ އިތުރުވެ، ޚިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެފައިވާތީ ހުޅުމާލޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ރައްޔިތުންނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.
ޚިދުމަތް ދިނުމުގައި ދިވެހި ފުލުހުންގެ މަސައްކަތް މުސްތަޤިއްލު ވަކި މުއްސަސާއެއްގެ ގޮތުގައި ކުރިއަށް ގެންދާތާ 16 އަހަރު ފުރުމަކީ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ، އެމަނިކުފާން ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ދަންނަވާފައެވެ.