“ހިޔާ” މަޝްރޫޢުގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ “ހިޔާ” މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްޞަ) ކެޓަގަރީއާއި، H5 (ޓީޗަރުންނަށް ޚާއްޞަ) ކެޓަގަރީއާއި، H8 (މާލޭ ރަށްވެހިންނަށް ޚާއްޞަ) ކެޓަގަރީއާއި، H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓަގަރީއަށް ކަމަށެވެ.
އެ ލިސްޓުތކަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 14 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 15:00 އެވެ. އަދި ޝަކުވާ ހުށަހަޅަންޖެހޭނީ މި ލިންކު މެދުވެރިކޮށެވެ.
އެ ހަތަރު ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކާއި ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ޢާންމުކޮށްފައި ވަނީ އޮގަސްޓް 24 ވަނަ ދުވަހު އެވެ.
އެ ކޮމިޓީން ބުނީ “ހިޔާ” މަޝްރޫޢުގެ ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާގޮތާމެދު ކޮންމެ ފަރާތަކަށް ވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށާއި، އެހެން ފަރާތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް ވެސް ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެ ކަމަށް އެ ކޮމިޓީން ބުންޏެވެ.
އެ ކޮމިޓީން އިތުރަށް ބުނެފައި ވަނީ ވަގުތީ ލިސްޓްތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް ވެސް ބަލައި، ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިޢާޔަތް ކުރާނެ ކަމަށެވެ.