English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން “އަތޮޅު ރަން”ގެ ނަމުގައި ބޭއްވި ވާޗުއަލް ރަންގައި އައްޑޫސިޓީ ތަމްސީލު ކުރަން ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި އަދި ޝަރަފެއް ކަމަށް މި ދުވުމުގައި އައްޑޫ ތަމްސީލްކޮށްދިން ޝަމާ ހާޝިމް ބުނެފިއެވެ.

“ދިވެހި ތާރީހުގައި ވެސް މުޅިން އަލަށް ބޭއްވޭ މިފަދަ ދުވުމަކުން ފުރުސަތު ލިބުމަކީ އުފާކުރާ ކަމެއް. މިދުވުމުން އަހަރެންގެ އަތޮޅާއި، ރަށް އަދި މި އަތޮޅުގައި ދިރިއުޅޭ އެންމެން ތަމްސީލް ކުރަން ލިބުމަކީ ބޮޑު ޝަރަފެެއް.” ޝަމާ ބުނެފައިވެއެވެ.

5000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މިއަދު ކުރިއަށް ގެންދިޔަ ދުވުމަކީ މުޅި ރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ބާއްވާ ވާޗުއަލް ދުވުމެވެ. މި ހަރަކާތަށް މިއަދު ހެނދުނު ފެށި އިރު ރާއްޖޭގެ 200 އަށް ވުރެން ގިނަ ރަށަކުންނާއި، ބޭރުގެ ކަންކޮޅުތަކުގައި ތިބި ދިވެހިން ވެސް ވަނީ ދުވުމަށް ރަޖިސްޓްރީ ވެފަ އެވެ.

މިއަދާއި މާދަމާ ވެސް މި ދުވުން ކުރިއަށްދާ އިރު، މި ރަން ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ދުވުމުގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ ހާއްސަ ދުވުންތެރިއެކެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުން މި ރިލޭގެ ފުރަތަމަ ބައިވެރިޔާ ދުވުން ފަށާއިރު އޭނާއަށް ހަވާލުކޮށްފައިވާ ރާސްތާ ނިންމާލުމާ އެކު ޖެހިގެން ހުންނަ އަތޮޅުގައި ހުންނަ ދުވުންތެރިޔާ ދުވަން ފަށާނެ އެވެ. މިހެން ގޮސް 20 އަތޮޅުގެ ދުވުންތެރިންނާ އެކު 15 ކިލޯމީޓަރު ހަމަކުރާއިރު ހުރިހާ އަތޮޅެއްގެ ރީތިކަން ވެސް ދައްކުވައިދޭ ހާއްސަ ސޯޝަލް މީޑިއާ ކަވަރޭޖެއް އުރީދުން ގެނެސްދޭނެ އެވެ.