English Edition
Dhivehi Edition
‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންދާ ތައްޔާރީތައް ބައްލަވާލައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާލޭ ސިޓީގައި ދެމުންދާ ބަހުގެ ޚިދުމަތް ތަރައްޤީ ކުރުމަށް ކުރަމުންގެންދާ ތައްޔާރީތައް މިއަދު ބައްލަވާލައްވައިފިއެވެ.

އެގޮތުން ނައިބު ރައީސް ވަނީ މިއަދު މެންދުރުފަހު، މާލެ ސަރަޙައްދުގެ އާންމު ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން، ބަސް ދުއްވާ މަގުތަކުގައި ފަސިންޖަރުން އަރައި ފޭބުމަށް ޚާއްޞަ ކޮށްފައިވާ ބަސްހުއްޓިތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.

‎އެގޮތުން އެމަނިކުފާނު ވަނީ، ވެސްޓްޕާކް ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ސަރަޙައްދުގައި ބަސްހުއްޓި ބިނާކުރުމަށް ހަމަޖެހިފައިވާ ތަން ބައްލަވައިލައްވާފައެވެ. އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އަލަށް ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކަކީ އައިޖީއެމްއެޗް، ވެސްޓްޕާކް، ހިރިޔާ ސްކޫލް، އަދި ތާޖުއްދީން ސްކޫލް ސަރަޙައްދެވެ.

‎ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތުގައި ޝާމިލުވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މާލެ ސިޓީ ކައުންސިލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ، އެ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ބަސްހުއްޓިތައް ބިނާކުރާ ސަރަޙައްދުތަކުގެ ޕާކިންއާއި އަދި އެ ސަރަޙައްދަކީ ހިތްފަސޭހަ ސަރަޙައްދަކަށް ހެދުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.

‎މީގެ އިތުރުން މާލެ ސިޓީގައި ދެމުންގެންދާ ބަހުގެ ޚިދުމަތަކީ ގިނަ ބަޔަކަށް ބޭނުންހިފޭނެ ގޮތަށް ފަރުމާކުރެވިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ކުރިއަށް ގެންދެވުމަށާއި އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް ފުޅާވެގެންދާއިރު މާލޭގެ ކާރުބާރު ބޮޑު ސަރަޙައްދުތަކަށް ލުޔެއް ހޯދައިދޭނެފަދަ ޚިދުމަތަކަށް ހެއްދެވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ނައިބު ރައީސްގެ މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި، އެމްޕީއެލްގެ ސީއީއޯ. ޝާހިދު ޢަލީ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް، ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުސާ ޢަލިމަނިކާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުން ކަމުގައިވާ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރު ބައިވެރިވެވަޑައިގެންނެވިއެވެ.