ހިތަދޫ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުގައިވާ ޙަސަން ޒަޔާން ހެދި އޭނަގެ ދެވަނަ ލަވަ ރިލީޒް ކޮށްފިއެވެ.
އައްޑޫ ބަހުން ހަދާފައިވާ މި ލަވައިގެ ލިރިކްސް ހަދައިި އަދި މިޔުޒިކް ވެސް ހަދާފައިވަނީ ޒަޔާން އަމިއްލައަށެވެ. ކޯއްޓޭގެ ރީތި ކަމާ ބެހޭ ގޮތުން ޒަޔާން ކިޔާފައިވާ މި ލަވަ އަމިއްލަ އަޑުން ކިޔައި ލަވައިގައި އެކްޓް ވެސް ކުރީ ޒަޔާން އެވެ. ޒަޔާން އާއި އެކީގައި މި ލަވައިގެ ވީޑިއޯ ކުރުމާއި އެޑިޓިން މަސައްކަތް ކޮށްފައިވަނީ ހިތަދޫ ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރު އަޙްމަދު ދާނިޝް ޖިހާދެވެ.
މޯލްޑިވިއަން އައިޑޮލް އިން ގިނަ ބަޔަކަށް ތައާރަފްވެ މަގުބޫލް ކަން ހޯދަމުން އަންނަ ހުސެއިން ޝަހުދާނުގެ ކޮއްކޮ އެއް ކަމަށްވާ ޒަޔާން ބުނީ މި ލަވަ ތައްޔާރުކުރުމުގައި ޝަހުދާންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށެވެ.
“ފުރިހަމަކަން ” މި ނަމުގައި ޒަޔާން އަދި ދާނިޝް ތައްޔާރުކުރި މި ލަވައަކީ ޒަޔާންގެ ދެވަނަ އުފެއްދުމެވެ. މީގެ ކުރިން އީދާ ދިމާކޮށް މިފަދަ ލަވައެއް ޒަޔާން ވަނީ ތައްޔާރުކޮށްފައެވެ.
“މައްސަލައަކީ ވީޑީއޯ ކްލިޕްސް ނުލިބުން. ފޯނުން ގިނަ ކްލިޕްސް ނަގާފައިވަނީ. ދެން ބައެއް ރައްޓެހިން ކުރީގައި ހަދާފައި ހުރި ކްލިޕްސްތައް ހުއްދަ ހޯދައިގެން ބޭނުންކޮށްފައި މިވަނީ” ޒަޔާން ކިޔައިދިނެވެ.
ޒަޔާންގެ ލަވަ ރިލީޒް ކޮށްފައިވަނީ އޭއޯ ޗެނަލްގެ “ރަށިކުދިން” ޕްރޮގްރާމުގައެވެ. އަދި ޒަޔާން ވަނީ އެ ލަވަ އޭއޯއަށް ހަދިޔާ ކޮށްފައެވެ. އެހެންކަމުން އޭއޯ އިން މިހާރުވަނީ ޒަޔާންމެން ދެން ތައްޔާރުކުރާ ލަވައަކަށް ވީޑިއޯ ކްލިޕްސް ތައް ނަގައިދީ ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ.