English Edition
Dhivehi Edition

ދިރާގުން މިއަދު އެކުންފުނީގެ ހޯމް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ތައާރަފުކޮށްފިއެވެ. މިއައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެއެވެ.

 

ދިރާގުން މި އަޕްގްރޭޑް ތައާރަފުކޮށްފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއްގައި އަދި ވަކިން ޚާއްސަކޮށް އިންޓަނެޓަށް ނުހަނު ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއްގައިއެވެ. ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތަން ފެނުމާއެކު، ދިރާގުން ގަސްތުކުރީ، ކަސްޓަމަރުންންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަރ އިންޓަނެޓް ޕެކޭޖަތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށެވެ.

 

ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް %20 އާއި %65 އާ ދެމެދުގެ އިތުރު ޑޭޓާ އަދި އެހާމެ ރަގަޅު ސްޕީޑްވެސް ލިބިގެންދާނެއެވެ. ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެއެވެ.

 

މިއައި ބަދަލާ ގުޅޭގޮތުން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދު ދައްސަރ ވިދާޅުވީ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓް މަހުފީ އިން 21% އާއި %40 އާ ދެމެދުގެ ލުޔެއް ލިބިގެންދާނެ ކަމަށާއި އެހެންކަމުން، ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައްތައް ކުރުމަށް މިކަމުގެ ސަބަބުން އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައި މަޙްމޫދު ދައްސަރ ވިދާޅުވިއެވެ.

 

ރާއްޖޭގެ ގިނަ ގޭބިސީތަކަށް މިހާރު ދިރާގު ފައިބަރ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެއެވެ. އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގުފަހިކޮށްދިނުމަށް ދިރާގުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ތިރީގައިވާ

ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

https://www.dhiraagu.com.mv/m/Home_Broadband_Package_Checker.aspx

 

ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ވެސް މެއެވެ. އެގޮތުން އަގު، ކޮލިޓީ އަދި ސްޕީޑަށް އެއްވެސް ތަފާތުކުރުމެއް ނެތި މިހާރު ރާއްޖޭގެ ގޭބިސީގެ 76 އިންސައްތައަށް އަދި 61 ރަށަށް މިހާރު މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހި ރާއްޖެ ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކުންފުންޔެކެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް https://www.dhiraagu.com.mv/Dhiraagu_Fibre_Broadband.aspx