English Edition
Dhivehi Edition

ގިނަ އިރުތަކެއް ވަންދެން ހުއްޓާނުލާ ވާރޭ ވެހުމުގެ ސަބަބުން ހުޅުމީދޫގައި ފެން ބޮޑުވެއްޖެއެވެ. މިއަދު ހެނދުނު އެގާރަ ގަޑި ބައިން ފެށިގެން ހުއްޓާ ނުލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގޭގެއަށް ފެންވަދެފައިވާ އިރު މިހާރު އެމްއާރްޑީސީ އިން ރަށުތެރޭގެ ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ގޭތެރެއަށް ފެންވަނަ ނުދިނުމަށްޓަކައި ބަސްތާ ތައް ޖަހާފައިވާ އިރު މަގުމަތީގައި ހެދިފައިވާ ފެން ގަނޑުތަކުގެ ސަބަބުން އެއްގަމު ދަތުރުކުރާ ފަރާތްތަކަށްވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. “ވާރޭވެހޭ ކޮންމެ ފަހަރަކު ގޭތެރެއަށް ފެންވަދެ ހިފައިގެންގުޅޭ އެއްޗެހި ދަނީ ހަލާކުވަމުން.ގޭ ކުރިމަތީގައި ހެދިފައިވާ ބޮޑު ފެންގަޑުތަކުން ހަތަރު ފުރޮޅުލީ އެއްޗެހި ދުއްވާ އިރު ނުބަލާ ދުއްވުމުގެ ސަބަބުންވެސް އެހާ ގިނައިން ފެންއެބަ ވަދޭ. ދުއްވާ މީހުންވެސް މިކަމަށް ވިސްނައިގެން ދުއްވާނަމަ މިހެނެއް ނުވާނެ.” މަގުމަތީގައި ވެލިބަސްތާތައް ޖަހަމުން ދިޔަ މީހަކު ހިތްހަމަ ނުޖެހުމާއެކު ބުންޏެވެ. ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު މަގުމަތީގައި ފެންހެދި އެކަމުގެ ސަބަބުން އާއްމުންނަށް އެތައް އުދަގޫތަކަކާ ކުރިމަތިވަމުންދާއިރު ރަގަޅު ފެންވަރަކަށް މަގުހެދި މިކަމަށް އަވަސް ހައްލެއް ލިބިގެން ދިއުމަކީ ދެރަށު ރައްޔަތުންގެވެސް އެންމެ ބޮޑު އެދުމެވެ.