English Edition
Dhivehi Edition

ބައްޕަ އާއި ދަރިފުޅުގެ ދެމެދުގައި އޮންނަ ގުޅުމަކީ ތަފާތު އެހެނަސް ބަދަހި ގުޅުމެކެވެ. އުމުރުގެ ގޮތުން ތަފާތުވެ، މިގުޅުމުގައި ދެމީހުން ބޭނުންވާގޮތް ތަފާތު ވެއެވެ. އެހެންނަމަވެސް އަބަދުވެސް މިގުޅުން ބަދަހިކުރުމަށް ދެފަރާތުން ވެސް މަސައްކަތް ކުރެއެވެ. މިގޮތަށް މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތަކާއި ދިމާވާނެއެވެ. އެކެއްގެ އިޙްސާސްތައް އަނެކާއަށް ބުނެދޭން ނޭނގި ދާ ހާލުގައި އެކަން އަންގަދޭނެ ގޮތެއް ނެތިފައި ތިބެވެއެވެ.

އެހެންކަމުން ބައްޕަ އާއި ދަރިފުޅާއި ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅުވާން ޖެހެއެވެ. އެކަމަށް މަސައްކަތް ކުރަން ޖެހެއެވެ. އަދި މިމަސައްކަތަށް އޮތް ހައްލަކީ ދުރާލާ އެކަމަށް ތައްޔަރުވެ ޅައުމުރުގައި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމެވެ.

ދަރިފުޅަށް ބައްޕަގެ ފަރާތުން ވަރަށް ގިނަ ކަންތައްކަށް އަސަރު ކުރެއެވެ. ހާއްސަކޮށް ފިރިހެން ދަރިން އެމީހުންގެ ބައްޕަމެން ގެ އުޅުން ކޮޕީކުރާނެއެވެ. އެހެނީ އެމީހުން އަބަދުވެސް ބޮޑެތި މީހުން އުޅޭގޮތަށް އުޅެން ބޭނުންވާއިރު އެންމެ ކައިރިން ފެންނާނީ ބައްޕަ އެވެ. ބައްޕަ އެހެންމީހުންނާއި މުހާތަބު ކުރާގޮތް ދަރިފުޅު ދަސްކުރާނެއެވެ. ދިމާވާ ކަންކަމުގައި ބައްޕަ އަމަލުކުރާ ގޮތާއި، ނިންމާ ނިންމުންތައް ދަރިފުޅު ކޮޕީކުރާނެއެވެ. އެހެންކަމުން ދަރިފުޅު ގެ މުސްތަޤުބަލް އުޖާލާ ކުރުމަށް ބޭނުންވާ ބައްޕައިން އެމީހުންގެ އުޅުން ރަނގަޅުކޮށް ދަރިފުޅަށް ނަމޫނާ ދައްކަން ޖެހެއެވެ.

ގޭތެރޭގެ ކަންކަމުގައި ދަރިފުޅާއި އެކުގައި ބައްޕަ ވަގުތު ހޭދަ ކުރަން ޖެހެއެވެ. މީގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުން ރަނގަޅު ވެގެން ދެއެވެ. އަދި މަސައްކަތުގައި އުޅޭ އިރު ދިމާވާ ކަންކަމުގައި ހިތްހަމަ ނުޖެހުންތައް ފާޅުކުރުމުގައި އެމާހައުލަކާއި ގުޅޭ ގޮތަށް ބަސްމަގުތައް ބެހެއްޓުމަކީ މިގުޅުމަށް އިތުރުކަން އަންނާނެކަމެކެވެ.

ދަރިފުޅުގެ ވާހަކަތައް އަޑު އެހުމަށް ބައްޕަގެ ވަގުތު ހުސްކުރުން ވަރަށް މުހިއްމެވެ. އެގޮތުން ވާހަކަ ދެއްކުގައި %25 ހޭދަކުރާއިރު ބާކީ އޮތް ބައި އަޑުއެހުމުގައި ހޭދަކުރަން ޖެހެއެވެ. އާއިލާގެ ތެރެއިން ދަރިފުޅު އެންމެ އިތުބާރު ކުރާނެ މީހަކީ ބައްޕައެވެ. އަދި އޭނާއަށް އެންމެ ރައްކާތެރިކަން ލިބޭތީވެސް ބައްޕަގެ ފަރާތުންކަން އަބަދުވެސް ޤަބޫލުކުރާނެއެވެ. އެހެންކަމުން ކޮންމެ ބައްޕައަކުވެސް މިކަން ދަނެގަނެ، ދަރިފުޅާއި ގާތް މީހަކަށް ވާން މަސައްކަތް ކުރަން ޖެހެއެވެ. އެއިގެ ސަބަބުން ދަރިފުޅަކީ އެހެންމީހުންނަށް އަޅާލާ، އެހެންމީހުންނަށް އެހީތެރިވާ މީހަކަށް ވެގެން ދާނެއެވެ.

ކޮންމެ ދަރިއަކަށް ވަކިވަކިން ވަގުތު ހުސްކުރަން ޖެހެއެވެ. އެހެންނޫންނަމަ ދަރިންގެ މެދުގައި ތަފާތު ގެންގުޅެނީކަމަށް އެދަރިންނަށް ވިސްނިދާނެއެވެ. ކޮންމެ ކުއްޖަކުވެސް ބައްޕައާއި ހިއްސާކުރުމަށް ވަކި ވާހަކައެއް އަބަދުވެސް އޮންނާނެއެވެ. އެހެންކަމުން އެދަރިފުޅެއްގެ އިޙްސާސްތައް ބޭރުކޮށްލުމަށް ކޮންމެވެސް ވަގުތު ކޮޅެއް ހުސްކޮށްލުން މުހިއްމެވެ. މިގޮތަށް ކަންތައްކުރުމުން ދަރިން ބޮޑުވެ ބައްޕަ މުސްކުޅިވާ ދުވަހަކުން އެދަރިންވެސް ބައްޕައަށް ވަގުތު ހުސްކުރުމަށް އިސްކަން ދޭނެއެވެ.

ބައްޕައަކާއި ދަރިފުޅަކާއި ދޭތެރޭގައި އުފެދޭ ގުޅުމަކީ ބަދަހި ގުޅުމެކެވެ. އެހެންނަމަވެސް އެފަދަ ގުޅުމެއް ގާއިމް ކުރުމަށް ވަރަށްގިނަ މަސައްކަތްތައް ކުރަން ޖެހެއެވެ. ލޭގެ ގުޅުމަކީ ބައްޕަގެ މިޒާޖާއި އުޅުން ދަރިފުޅަށް ވާރުތަވާ ގުޅުމެއްކަމަށް ދެކިގެން ނިންމާލެވޭކަށް ނެތެވެ. އެއަށްވުރެ ބޮޑަށް ދުނިޔޭގައި ދަރިފުޅު އުޅެންވީ ގޮތަށް ބައްޕަގެ ފަރާތުން އުނގަންނައިދޭން ޖެހެއެވެ. ޙާއްސަކޮށް ބައްޕައަކާއި ފިރިހެން ދަރިއަކާއި އޮންނަ ގުޅުމަކީ ނުގުޑާފަދަ ގުޅުމަކަށް ހަދަން ޖެހެއެވެ.