English Edition
Dhivehi Edition

ކޮޅުމަޑުލު މަޑިފުށްޓާއި ށ. ކޮމަނޑޫ ރަށުކައުންސިލް އިންތިޚާބު ދެވަނަފަހަރަށް ބާއްވަން ނިންމައިފިއެވެ. މަޑިފުށީގައި އަލުން ވޯޓުނަގާ ގޮތަށް ނިންމީ އެރަށުގައި ބެހެއްޓި ވޯޓުފޮށްޓަށް ވޯޓުލި މީހަކަށް ނުބައި ވޯޓުކަރުދާހެއް ދިންކަމުގެ ޝަކުވާއެއް ހުށަހެޅުމުން އެ މައްސަލަ ބެލުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަހުމަދު އަކުރަމް ވިދާޅުވީ އެރަށުގައި ވޯޓުލުން ބާއްވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ނުބައި ކަރުދާހެއް ދެވިގެން ވޯޓުލުމަކީ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވާ ކަމަށެވެ. ފުރަތަމަ ބޭއްވި އިންތިޚާބުގައި މަޑިފުށީ ވޯޓުފޮށީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ޕީޕީއެމްއިން ވާދަކުރި އައްބާސް މުހައްމަދައި، އަލީ ހަސީން ވަނީ 389 ވޯޓު ހޯދައިގެން އެއްވަރުވެފައެވެ. ޕީޕީއެމްގެ އަނެއް ކެންޑިޑޭޓް އިސްމާއީލް ހިލްމީއަށް ލިބިވަޑައިގެންނެވީ 387 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ހަސަން އަބްދުﷲ އަށް ލިބިވަޑައިގެންނެވީ 388 ވޯޓެވެ. ދެވަނަފަހަރަށް އިންތިޚާބު ބާއްވަނީ މި ކެންޑިޑޭޓުންގެ މެދުގައެވެ. އަކުރަމް ވިދާޅުވީ މަޑިފުށީ ކައުންސިލްގެ އިންތިޚާބުގެ ދެވަނަބުރު ބާއްވާ ދުވަހު ށ. ކޮމަންޑޫގައިވެސް ދެވަނަފަހަރަށް ވޯޓުލުން އޮންނާނެ ކަމަށެވެ. އެރަށުގައި ދެވަނަފަހަރަށް ވޯޓުލަނީ ނަތީޖާ އެއްވަރުވެފައިވާތީ ނަތީޖާ ނެރުމަށެވެ. އެރަށުގައި އިންތިޚާބު ބާއްވާނީ އެއްވަރުވި ކެންޑިޑޭޓުންގެ މެދުގައެވެ.