English Edition
Dhivehi Edition
29 ޖޫން 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެން.އީ.އޯ.ސީ އަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޯވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އާ މަރުޙަލާއަކަށް ބަދަލުކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މި ބަދަލާއިއެކު ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެން.އީ.އޯ.ސީ) އިން ކުރަމުންއައި މަސައްކަތްތައް، މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ހަވީރު ދަރުބާރުގެއަށް ޒިޔާރަތްކުރައްވާ، އެން.އީ.އޯ.ސީ ގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މުޙާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް ކޯވިޑް-19 އާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މި މަސައްކަތުގައި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ. އަދި، ބައެއް އެހެން ޤައުމުތައް ދިޔަފަދަ ގޯސް ޙާލަތަކަށް ނުގޮސް ރާއްޖެ މިހާރު މި އޮތް ޙާލަތަށް އާދެވިފައި ވަނީ ޞިއްޙީ މާހިރުން ރައްޔިތުންނަށް ދެއްވި އިރުޝާދާއި، މަޢުލޫމާތުތަކުގެ ސަބަބުންކަން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވެވިއެވެ.

އައު މަރުޙަލާއަށް ބަދަލުވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ބަދަލަކީ ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ކުރާ މަސައްކަތުގެ ބައެއްކަމަށާއި، އަދިވެސް މިކަން ކުރިއަށް ގެންދިޔުމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ. މީގެ އިތުރުން ކޯވިޑް-19 އާއި ދެކޮޅަށް ކުރެއްވި މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރެއްވި މިފަދަ މަސައްކަތްކަން ފާހަގަކުރައްވައި، މިގޮތަށް މި މަސައްކަތްކުރެވުނީ އެން.އީ.އޯ.ސީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ އެހީތެރިކަމާއި އަދި ކަމާގުޅޭ އިސްވެރިން ކުރެއްވެވި ފުރިހަމަ މަސައްކަތުންކަން ފާހަގަކުރައްވައި އެ ހުރިހާ ބޭފުޅުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ މި ޒިޔާރާތްކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއީއޯސީގައި ހުރި އެކި މުއައްސަސާތަކުގެ ސްޓޭޝަންތަކަށް ޒިޔާރަތްކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވަނީ އެބޭފުޅުންގެ މަސައްކަތްތަކާއިގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވާފައެވެ.