English Edition
Dhivehi Edition

ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުގެ ތަކެތި މާކެޓްކޮށް އެތަކެތި ބާޒާރުގައި ވިއްކުމަށް ޚާއްޞަ ކޮށްގެން އިކޮނޮމިކް މިނިސްޓްރީން އުފައްދަވާފައިވާ ޖަމިއްޔާ “ސަބާ މޯލްޑިވްސް”ގެ އަހަރީ ބާޒާރު ފަށައިފިއެވެ. ނެޝަނަލް އާޓް ގެލެރީގައި އިއްޔެ ފެށި މި ބާޒާރު ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމްއެވެ. ނެޝަނަލް އާޓް ގެލަރީގައި އިއްޔެ ބޭއްވި ސަބާ މޯލްޑިވްސް އަހަރީ ބާޒާރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރި ފަންނުވެރި އަންހެން ކަނބަލުން އެބަތިބިކަމަށާއި، އެފަދަ ފަރާތްތަކުގެ މަސައްކަތް ދައްކާލުމުގެ ފުރުސަތު ލިބިފައިނުވާކަމަށެވެ. ސަބާ އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ހުނަރުވެރި މަސައްކަތްތެރިންގެ މަސައްކަތްތައް އާއްމުންނާ ހަމަޔަށް ގެނެސްދީ ވިޔަފާރީގައި އެފަރާތްތަކަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. ސަބާގެ އަހަރީ ބާޒާރު ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސަބާ މޯލްޑިވްސްގެ ޗެއާޕާސަން އަބުދުﷲ މުޙައްމަދު ވިދާޅުވީ، ސަބާ މޯލްޑިވްސް އުފެދިގެން މިވީ 3 އަހަރުދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވާކަމަށެވެ. މިގޮތުން ގޭގައި ތިބެގެން ތަކެތި އުފައްދާ ފަރާތްތައް އުފައްދާ ތަކެތި މާކެޓްކޮށް އެތަކެތި ބާޒާރުގައި ވިއްކުމަށް އެޖަމިއްޔާއިން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ފުޅާވަމުން އަންނަކަމަށް އަބްދުﷲ މުހައްމަދު ފާހަގަކުރެއްވިއެވެ. މިގޮތުން މެމްބަރުން ތަމްރީނުކުރުމާއި، ތަޖުރިބާ ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުތަކެއް ކޮށްފައިވާކަމަށާއި ސާކް ޤައުމުތަކަށް ސަބާގެ މެމްބަރުންގެ އުފެއްދުންތައް ވިއްކުމަށްޓަކައި ޤައުމުތައް ގުޅިގެން ކުރަންޖެހޭ މުއާމަލާތްތައް ކުރިއަށްދާކަމަށް އަބުދުﷲ ވިދާޅުވިއެވެ. މީގެ އިތުރުން ސަބާގެ މެމްބަރުންގެ އުފެއްދުންތައް ވިއްކުމަށް ހޮޓެލް ޖެން، އެސްޓީއޯ، އަދި އައިލެންޑް އޭވިއޭޝަނާއެކު ވާހަކަތައް ކުރިއަށް ގެންގޮސްފައިވާކަން އަބުދު ﷲ މުހައްމަދު ފާހަގަކުރެއްވިއެވެ.   ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން 2013 ވަނަ އަހަރު އުފެއްދި މި ޖަމިއްޔާއިން އިން ނެޝަނަލް އާޓް ގެލަރީގައި ފެށި ސަބާ މޯލްޑިވްސްގެ އަހަރީ ބާޒާރުގައި އެޖަމިއްޔާގެ މެމްބަރުންގެ ގިނަ އުފެއްދުންތައް ބަހައްޓާފައިވެއެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި، އަންނައުނުގެ އިތުރުން ސްވެނިއާގެ އުފެއްދުންތައް ފާހަގަކޮށްލެވެއެވެ.