English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މިއަދުން ފެށިގެން ވިޔަފާރިކުރަން ދިއުމުގައި ލުއިތަކެއް ދިނުމަށް ނިންމައިފި އެވެ.

އެގޮތުން ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކޮންމެ ގޭބިސީއަކުން ތިން މީހަކަށް ވިޔަފާރިކުރުމުގެ ހުއްދަ ލިބޭނެ ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ހުއްދަ ދޫކުރެވޭނީ ދެ ގަޑިއިރަށް ކަމަށާއި، ވިޔަފާރި ކުރުމަށް ބޭނުން ހިސާބަކަށް ދެވޭނެ ކަމަށެވެ. ނަމަވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެ އަށް އަދި ހުޅުމާލޭގައި ދިރިއުޅެ ރައްޔިތުންނަށް ވިޔަފާރިކުރުމަށް މާލެ ނާދެވޭނެއެވެ. ނަމަވެސް ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ވިޔަފާރި ކުރުމަށް މާލެ އައުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ކުރިއެކޭ އެއްގޮތަށް މިހާރުވެސް މޫވްމަންޓް ޕާމިޓަށް އެދޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ. އެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭއިރު، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރު ޖަހަން ޖެހޭނެއެވެ. އަދި އާ ހުއްދައެއް ނެގުމާއި ހަމައަށް، ކުރިން ދޫކޮށްފައިވާ ހުއްދަތައް ބޭނުންކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން މާލެ ސަރަޙައްދުގައި ވިޔަފާރިކުރުމަށް ކޮންމެ ގޭބިސީއަކަށް ދެނީ ހަފްތާއަކު އެއް ފަހަރު އެއް ހުއްދައެވެ.

ވިޔަފާރިކުރުމަށް ލުއިތަކެއް ދިނުމަށް ނިންމާފައިވީ ނަމަވެސް، ވިޔަފާރި ކުރުމަށް ދާ ފަރާތްތަކުން، މާސްކު އެޅުމާއި އިޖުތިމާޢި ގައިދުރުކަން ބެހެއްޓުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ އެވެ.