ހެންވޭރު ބުރުޒުމަގުގައި ހުންނަ، ގ. ފެންޓޯނިއޯގެއިން ވެއްޓުނު 21 އަހަރުގެ ޒުވާން އަންހެން ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އާއިލާއިން ބުނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ. އެއާއެކު އާއިލާއިން ވަނީ މި ކަމުގައި ސަރުކާރުގެ އެއްބާރުލުން އެންމެ އަަވަސް މިނުގައި ނޫނަސް، ފުރިހަމައަށް ލިބޭކަމަށް ބުނެފައެވެ.
ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ސިލްސިލާ ގޮތެއްގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ.
.ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.