މިމަހުގެ 18ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އަންހެން ކުއްޖާއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޛިލާލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
މިމައްސަލައާ ގުޅިގެން ގ. އެރިއަދޫ، އުމުރުން 21 އަހަރުގެ ރައުދު އަޙްމަދު ޛިލާލް، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ބުރާސްފަތި ދުވަހުގައެވެ.
މި ހާދިސާއާ ގުޅިގެން އެމީހުން އެރޭ ހަރަކާތްތެރިވިކަމަށް ބުނާ މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާ ވެސް ބަލާފައި ވާކަމަށް ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ.
މީގެ އިތުރުން އަންހެން މީހާ ވެއްޓުނު ކަމަށް ބެލެވޭ އިމާރާތުގައި އެވަގުތު އޭނާއާއެކު ރައުދު އުޅުނުކަމާއި ރައުދުއާއި ވެއްޓުނު އަންހެންމީހާ އެ ގޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖްތައް ފުލުހުން ވަނީ އާންމުކޮށްފައެވެ.
ފުލުހުން ވިދާޅުވީ ރައުދުއާއި ވެއްޓުނު އަންހެން މީހާ އެރޭ އިތުރު ދެ ގެއަކަށް ގޮސްފައިވާ ކަމަށާއި އެ ދެ މީހުންނާއެކު އެ ރޭ އިތުރު ބަޔަކުވެސް އުޅުނުކަމަށެވެ. އެ ހުރިހާ މީހުންގެވެސް ބަޔާން ނަގައި، އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގައި ރައުދު ހައްޔަރު ކުރުމުގެ އިތުރުން ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން 7 މީހެއްގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
މީގެ އިތުރުން މި މައްސަލަައާ ގުޅިގެން އަންހެން މީހާ އެރޭ ހަރަކާތްތެރިވިކަމަށް ބެލެވޭ މއ. މާންދޫގެ ދެކުނުގޭގެ ޓެރަސްހާއި އެގޭ ދެވަނަ އަދި ހަތަރުވަނަ ފަންގިފިލާ އަދި ގ. ކަށިވެލިގޭގެ ތިންވަނަ ފަންގިފިލާ ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއަށް މިހާރު ވަނީ އެއްހަފްތާ ވެފައެވެ.