English Edition
Dhivehi Edition

އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު، ބުރުޒުމަގުގައި ހުންނަ ހ. ފެންޓޯނިއޯ ގެއިން ވެއްޓުމުގެ ކުރިން، އޭނާއާއެކު އެ ވަގުތު އުޅުނު ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިންގައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ހައްޔަރުކޮށްފައިވަނީ ރޭ އިރުއޮއްސުނު ވަގުތުގަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް މިއަދު ވަނީ ޖަހައިފަ އެވެ.

ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ވަނީ މި މައްސަލައިގައި ފުލުހުން ހާމަނުކުރާ މުހިންމު ވާހަކަތަކެއް ބަޔާންކޮށްފައެވެ. އެގޮތުން އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ.

އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.

ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި އައިއޯގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާއެކު ހަރަކާތްތެރިވާ ތަން ފެންނަކަމަށާއި ވެއްޓުނު ވަގުތަށްފަހު، ޔުމްނުއަށް ގޮވައި ހޯދަން އުޅޭ މަންޒަރު ފެންކަމަށް ނަމަވެސް މިކަމާ ގުޅޭ އެއްވެސް ރިޕޯޓެއް އެއްވެސް ފަރާތަކަށް ހުށަހަޅައިފައިނުވާ ކަމަށް މީގެ އިތުރުން ރައުދުގެ ކުޑަކަމުދާ ތަކެތި ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަން ހިމެނެއެވެ.

ފުލުހުން މި މައްސަލައިގައި މީގެ ކުރިން ބުނީ، ޔުމްނު ވެއްޓިފައި އޮތްކަން އެނގުނީ އެ ދުވަހުގެ ހެނދުނު އެ މައްސަަލަ ރިޕޯޓުކުރުމުން ކަމަށެވެ. އޭގެ ކުރިން ކަމެއް ހިނގައިގެން އުޅޭކަން ނޭނގޭކަމަށް ވެސް ބުނެފައިވެއެވެ. އަދި ރައުދާއި ޔުމްނުއާ ދެމެދު އެއްވެސް ހަމަނުޖެހުމެއް ހިނގިކަމަށް ވެސް ކުރިން ފުލުހުން ހާމައެއް ނުކުރެއެވެ.