English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލުތަކެއް ގެނެސް، އެ ރަށްތަކަށް ލުއިތަކެއް ދީފިއެވެ.

އެގޮތުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމެއްގައި ވަނީ ޒަރީރީ ބޭނުންތަކަށާއި، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި މެނުވީ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް އަންގައިފަ އެވެ.

މީގެ އިތުރުން މި ޙާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި، އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް ވަނީ އަންގައިފަ އެވެ. އަދި މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްތަކާއި، މޮނިޓަރިންގެ ހާލަތު ނިމުމަށް ގެނެވިފައިވާތާ 14 ދުވަސް ވެފައި ނުވާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު، އާންމު ޚިދުމަތްތަކާ ގުޅޭ ކަންކަމާއި، އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ހުއްދައާއި، ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމުގެ ހުއްދަ ދިނުމަށްވެސް ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ވަނީ ބަލިން ރައްކާތެރިވުމަށް، އެ އެޖެންސީ އާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލު ކުރުމަށާއި، ރަށުތެރޭގައި އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށް އަންގައިފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުންވެސް މީގެ ކުރިން މަނާކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ ބަލި ނެތް ރަށްރަށުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައެވެ.