English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ ގަދަރު ލިބިފައިވާ އިއްޒަތްތެރި މެމްބަރުން ގެ މަޖިލިހެވެ. ރައްޔިތުންގެ އަދުލު އިންސާފަށް ގާނޫނު ހަދައި ގާނޫނު ތަންފީޒުކުރުމުގެ ބުރަ މަސައްކަތް ކުރަމުން ގެންދާ ޝަރަފުވެރި ތަނެކެވެ. ނަމަވެސް ސިޔާސީ ކޯޅުން ބޮޑުވެ މަޖިލިހުގެ ތަޅުމުން ވެސް ފެނިގެންދަނީ ދިވެހި ރަައްޔިތުން ދެކެން ބޭނުން ނުވާ މަންޒަރުތަކެވެ. މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދެވުނަ ނުދޭންވެގެން އިދިކޮޅު މެމްބަރުން މަޖިލިހުގެ ތެރޭގައި ޖައްސަވާ “ކުޅިވަރު” މަތަ ކުރުމަށް ދިވެހި ސިފައިން މަޖިލިހަށް ވަނީ ނެރެފައެވެ.

ފޭސް ބުކް އިން ލައިވް ކުރަމުންގެންދިޔަ މިއަދުގެ މަޖިލީސް ތެރެއިން ފެނުނީ އަދި އިހުނަށް ވުރެ ހުތުރު މަންޒަރުތަކެކެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ވެސް ހޫނުވެ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކޮށްފައިވާ އިރު ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ވެސް މިއަދު ވަނީ ދިފާއުގައި ނުކުމެފަ އެވެ. އެކަމުގެ ސަބަބުން މުޅި މަޖިލިސް ހަލަބޮލިވެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ގަޔަށް އަތްލައި ހަޑި ހުތުރު ބަހުން ވާހަކަދެއްކި އެވެ. އެއް މެމްބަރަކު އަނެއް މެމްބަރަކަށް އަވަގުރާނަ ގޮވުމާއި ޒުވާބު ކުރުމެވެ. ޒާތީ ގޮތުން ދިމާކޮށް، ހަޑިހުތުރު ބަސްތަކުން ވާހަކަ ދެއްކެވި ތަނެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އަދަބެއް އިހްތިރާމެއް ނެތެވެ. މި ޒުވާބުގެ ތެރޭގައި، ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ސަރުކާރުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުގެ ގަޔަށް އަތްލައި މާރާމާރީ ހިންގައިފަ އެވެ. އެމަންޒަރު ވީޑިއޯތަކުން ވެސް ފެންނަން އެބަހުއްޓެވެ. މި ހަމަލާގައި ފަރެސްމާތޮޑާ މެންބަރު ހުސައިން މުހައްމަދު ލަތީފުގެ ތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ.

އެ މަރާމާރީއާ ގުޅިގެން މެމްބަރުންގެ ޒުވާނު އިތުރަށް ހޫނުވެ، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮޓަރީގެ ދޮރުގައި ކޮޅުފައިން ޖައްސަވައި ދޮރު ހުޅުވާ މަންޒަރު ވެސް ފެނެ އެވެ.

މީގެ އިތުރުން މަޖިލިހުގެ ރައީސް އިންނަވާ ކޮޓަރިކޮޅަށް މެމްބަރު އާޒިމް އާއި މަހުލޫފް ގެންދަވަނީ ކޮންމެ ދުވަހަކު ހަމަލަ ދެއްވަވަމުންނެވެ. މިއަދުވެސް ރައީސްގެ ކޮޓަރީގެ ދޮރުގައި މި ދެމެމްބަރުން ތަޅަމުން ދިޔަ މަންޒަރު ފެނިފައިވާ ކަމަށް ސަރުކާރަށް ތާއިދުކުރައްވަވާ މެމްބަރުން ވިދާޅުވިއެވެ.

މަޖިލިސް ހޫނުވެފައި ވަނިކޮށް ވެސް މިއަދު ވަނީ ހުށަހަޅާފައިވާ ދެ މައްސަލާގައި ވޯޓަށް އަހައިފަ އެވެ. އޭގެތޭރޭގައި ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރުމަށް ވޯޓަށް އެހުން ހިމެނެ އެވެ. އިދިކޮޅު މެންބަރުންގެ ހަޅޭކުގެ ތެރޭގައި ޖަލްސާ ނިންމާލެއްވުމަށްފަހު މަސީހު ވަޑައިގެންނެވުމުން ވެސް އިދިކޮޅު ބައެއް މެންބަރުން މަސީހު ފަހާ ދުވެ މަސީހާ ދިމާލަށް ހަލޭ ލަވަމުން ގެންދެވިތަން ވަނީ ފެނިފައެވެ.