English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފި އެވެ.

އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާއި ހަމައަށް އަދި މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. ހއ. އާއި ޅ. އަތޮޅާ ދެމެދަށް އެލާޓް ނެރެފައި ވަނީ މިރޭ 18:30 އިން 22:00 އަށް ކަމަށްވާއިރު، ދެކުނަށް އެލާޓް ނެރެފައި ވަނީ މިރޭ 18:00 އިން ފެށިގެން 23:30 އާއި ހަމައަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.

މީގެ އިތުރުން އެ ސަރަޙައްދުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވަނީ މިއަދު ފުރަތަމަ ފަހަރަށް އޮރެންޖު ސަމާލެއްވެސް ނެރެފައެވެ. އޮރެންޖު ސަމާލު ނެރެފައި ވަނީ މިރޭ 19:00 އާއި ހަމައަށް މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ.

މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެއަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ އެވެ.

މީގެ އިތުރުން އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

“ހުޅަނގުމޫސުމުގެ މިވިއްސާރައިގައި އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށް ދަންނަވަން.”، މެޓް އޮފީހުން ބުނެފައި ވެއެވެ.