English Edition
Dhivehi Edition
11 މެއި 2020 ވަނަ ދުވަހު އިންޑިއާގައި ތިބި ދިވެހިންނާއެކު ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

އިންޑިއާގައި ތާށިވެފައި ތިބި 235 ދިވެއްސަކު އިއްޔެ ރާއްޖެ ގެނެސްފި އެވެ.

އެމީހުން ރާއްޖެ ގެނެސްފައި ވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެގޮތުން އިއްޔެ މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސި މޯލްޑިވިއަންގެ ޑޭޝް މަތިންދާބޯޓުގައި 50 ދިވެއްސަކު އައިސްފައިވާއިރު، ރޭ އައި މޯލްޑިވިއަންގެ އެއާބަސްގައި 185 ދިވެއްސަކު ވަނީ ރާއްޖެ އައިސްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިއްޔެ ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ޕަންޖާބް، ކޮލްކަތާ، ގުރްގާއުން، ރިޝިކޭޝް، ދިއްލީ، ވެއްލޫރް، ޗެންނާއި، ޓްރިވެންޑްރަމް، ކޮޗިން، ބެންގަލޫރު، ޕޫނޭ، ގޯއާ، ޖަމްނާގަރް، އެޒިމަލާ، ވެލިންގްޓަމް އަދި ޕަޗްމަރީގައި ދިރިއުޅޭ ދިވެހިން ކަމަށެވެ.

އެ ފްލައިޓްތަކުން ރާއްޖެ ގެނެސްފައި ވަނީ ބޭސްފަރުވާއަށް އިންޑިއާ އަށް ގޮސް ފްލައިޓު ކެންސަލްވި ފަރާތްތަކާއި، ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކޮށް ފުރަބަންދުގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކުގެ އިތުރުން ރިޕެޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއާޕޯޓްތަކަށް ދިއުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިން އަދި ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިންނެވެ.

މި ފްލައިޓްތަކުގައި ރާއްޖެ އައި އެންމެންވެސް 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ކުރެވޭނެއެވެ.

މީގެ ކުރިންވެސް މޯލްޑިވިއަން މެދުވެރިކޮށް ސަރުކާރުން ވަނީ އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންތަކެއް ރާއްޖެ ގެނެސްފައެވެ.