މާލޭގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްތަކުގައްޔާއި ބޮޑެތި ސީޓީ ތަކުގައި ގަވަދާއިލާފަށް އުޅޭ ބިދޭސީންވެސް ފުރުވާލުމުގެ އިންތިޒާމް ހަމަޖެހޭނެކަމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ގަވައިދާހިލާފަށް އުޅޭ 1500 ބިދޭސީން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަންނަ ހަފްތާއިންފެށިގެން މަސައްކަތް ކުރެވޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވެފައިވާކަމަށާއި އެގޮތަށް ބާކީތިބި މީހުންވެސް ފުރުވާލުމުގެ ކަންތައް ސަރުކާރުން ކުރައްވާނެކަމަށެވެ.
“ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މިހާރުވެސް ކޮންމެވެސް ވަރަކަށް ބިދޭސީންވާނީ ފުރުވާލާފައި. މާލޭގަ އެކަންޏެއްނޫން ރާއްޖޭގެ އެކި އެކި ރަށްތަކާއި ބޮޑެތި ސިޓީތައް ހިމެނޭގޮތަށް ބަލާނެ. ވަޒީފާއެއްނެތި އުޅޭ ބިދޭސީންގެ ކަންތައް ޑީޖީގެ އަމުރާއި ގުޅިގެން އެބަ ބަދަލުކުރޭ ކަރަންޓީން ފެސިލިޓީތަކަށް. މިވަގުތު އަޅުގަނޑުމެން އަތުގައި ހުރީ 3000 ޖާގަ. މާލޭގައި އެކަންޏެއް ނޫން ރާއްޖޭގެ އެކިރަށްރަށުގެ އިތުރުން ބޮޑެތި ސިޓީތަކުގައިވެސް ތޮއްޖެހިފައިތިބި ބިދޭސީން ފުރުވާލުމުގެ މަސައްކަތްވެސް ކުރައްވާނެ.” އޭއޯ ނިއުސް އިން ކުރި ސުވާލަށް ޖަވާބް ދެއްވަމުން މަބްރޫކް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭބިދޭސީންގެ ވާހަކައަކީ އެންމެންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބަލި ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވް ވަމުން އަންނަ މިންވަރު މަތިވަމުން އަންނަ މިދަނޑި ވަޅުގައި މިމީހުން މީގެ ކުރިން ފުރުވާލެވުނުނަމަ މިބަލި ފެރުތުން ކޮންމެވެސް ވަރަކަށް މަދުވާނެކަމަށް ދެކޭމީހުންވެސް ގިނައެވެ. ރާއްޖޭގައި މިބަލި އޮތްއިރު ބިދޭސީން ތޮއްޖެހިގެން އުޅޭދިރިއުޅުމުގެ ސަބަބުން މިބަލި ޖެހުނު ބަންގަލަދޭޝްގެ ރައްޔިތުންގެ އަދަދު މައްޗެވެ.
މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިދޭސީން ކަމަށާއި އަދި އެމީހުން ދިރިއުޅެމުން އަންނަ ދަތި ތަންތަނުން ނެރެ ރައްކާތެރި ތަންތަނަށް ގެންދިއުމަކީ ބުރަ ބޮޑު ކަމެއް ނަމަވެސް އިސްކަންދީގެން އެ މަސައްކަތްވެސް ކުރަމުންގެންދާ ކަމަށް ހޯމް މިނިސްޓަރ ވެސް ވިދާޅުވެފައި ވެއެވެ.
ރާާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 545 އަށް އަރާފައެވެ. އޭގެ ތެރެއިން 357 މީހުންނަކީ ބިދޭސީންނެވެ. މިއަދަދުގެ ތެރެއިން ގިނައީ ބަންގްލަދޭޝް މީހުންނެވެ.