English Edition
Dhivehi Edition

ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަނުގެ ނަން “ރަސްރަނި ބަގީޗާ”ގެ ނަމަށް ބަދަލުކޮށްފި އެވެ.

ކުޑަކުދިންނަށް ޙަރަކާތްތެރިވެވޭނެ އުފާވެރި އެތައް ކަންތައްތަކެއް އެކުލެވޭގޮތަށް ތަޢުލީމާއި މުނިފޫހިފިލުވުމާއި ރާއްޖޭގެ ތާރީޚާ ޘަގާފަތް ދައްކުވައިދޭ ކޮންސެޕްޓަށް ތަރައްގީކޮށް މި ޕާކު އަލުން ހުޅުވާފައިވަނީ ރޭގައެވެ.

“ރަސްރަނި ބަގީޗާ” ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންނެވެ. މިއީ ކުރީގެ ސަލްޓަންޕާކު ސަރަހައްދު އަލުންތަރައްޤީކޮށް އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް ނުވަތަ ތަޢުލީމް އުނގެނި ހިތްފަސޭހަކޮށްލެވޭ ތާރީޚާ ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާތަނެކެވެ.

ރަސްރަނި ބަގީޗާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު، އަދި އެންމެ ތަފާތު ކަންތައްތައް ހިމެނޭގޮތައް ތަރައްޤީކުރި ޕާކެކެވެ. “އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް” ކޮންސެޕްޓަށް ތަރައްޤީކުރި މި ޕާކް ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. މި ޕާކް ހުޅުއްވާދެއްވުމަށްފަހު ރައީސްގެ ދެކަނަބަލުން ވަނީ މި ޕާކް ބައްލަވާލައްވާފައެވެ.

އެ ބަގީޗާގައި ކުޑަކުދިނަށް ފަހިކޮށްދީފައިވާ ހިދުމަތްތަކާއި ފުރުސަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީހާ ގުޅޭ މައުލޫމާތު ޒަމާނާ އެއްގޮތަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުމާއި ޖާގަ ތަނަވަސް ބޮޑު ސަރަހައްދެއްގައި ކުޅިވަރު ކުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕާކް ހުޅުއްވާދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބައްލަވާލެއްވީ އުސްގެކޮޅެވެ. ރާއްޖޭގެ ތާރީޚާ ގުޅޭ އުސްގެކޮޅު މިހާރު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ގިނަ މަޢުލޫމާތުތައް ލިބޭގޮތަށެވެ. އެގޮތުން ތާރީޚާ ސަޤާފަތާއި، އިހުގެ ދިވެހިން ލައިއުޅުނު ހެދުމާއި، އިހުގެ މަޝްހޫރު ކުޅިވަރުތައް ޑިޖިޓަލް މީޑިއާ މެދުވެރުކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ތަފާތު ކޮންސެޕްޓަށް ތަރައްޤީކުރި މިޕާކްގައި ވަނީ ވަށައިގެން ބިއްލޫރި ޖަހާފައިވާ ކްލާސްރޫމެއް ޤާއިމްކޮށްފައެވެ. ރަސްރަނި ވިއުގެ ނަންދީފައިވާ މިކްލާހުގައި ކިޔަވަންތިބޭ ކުދިންނަށް އެތަނުގެ ހިތްގައިމު މާހަލު ފެންނާނެ އަދި ސްމާޓް ޓީވީއާއި، ޓެކްނޮލޮޖީއާ ގުޅޭ ގިނަ ވަސީލަތްތަކެއް ޤާއިމްކޮށްފައިވެއެވެ.

ރަސްރަނި ބަގީޗާގައި ކުޑަކުދިންނަށް ކާޓޫނާއި ފިލްމް އަދި ވީޑިއޯ ބެލޭގޮތަށް ވަނީ އެމްފިތިއޭޓަރގެ ނަމުގައި ތިއޭޓަރއެއްވެސް ޤާއިމްކޮށްފައެވެ. އަދި އެތަން ފަރުމާކޮށްފައިވަނީ ސްކޫލްކުދިންނަށް ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށްގެންދެވޭގޮތަށެވެ. ރައީސްގެ ދެކަނބަލުން ވަނީ ސީއެޗްއެސްއީގެ ކުދިންގެ ޚާއްޞަ ހަރަކާތްތަކެއް މިތަނުގައި ބައްލަވާލައްވާފައެވެ. ޒުވާނުންނަށްވެސް ހަރަކާތްތައް ހިންގޭތޮތަށް ފަރުމާކޮށްފައިވާ މި ތިއޭޓަރ އަކީ 200 މީހުންގެ ޖާގައިގެ ތިއޭޓަރެކެވެ.

މި ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ، މިޕާކަކީ ކުޑަކުދިންނަށް ހިތްފަސޭހަ އަދި ދުޅަހެޔޮ ފުރުޞަތަކަށް ފަންނީ އަދި ތަޢުލީމާ ތާރީޚް އެނގޭގޮތަށް ކުޑަކުދިންނަށް ސަރުކާރުން ދެއްވި ހަދިޔާއެއްކަމަށެވެ.