English Edition
Dhivehi Edition

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފު ކުރައްވަވައި އެމްއެންޑީއެފްގެ ޖެހިލުންކުޑަ ޖަމާއަތް ތެރިންގެ މަސައްކަތަށް ސެލިއުޓް ކުރައްވަވައިފިއެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވީ ސިފައިންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، ރޯގާއާ ދެކޮޅަށް ކުރާ މަސައްކަތާ ސިފައިން ކުރިމަތިލާނީ ކެރިިގެން ކަމަށާއި އަޒުމު ނުގުޑާނެ ކަމަށް ވިދާޅުވެ ޓުވިޓާގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންގެ މަސައްކަތަށް ތައުރީފް ކުރައްވަވާފައެވެ.

ރާއްޖެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު 280 އަށް އަރާފައި ވާއިރު ރޭ ވަނީ ފުރަތަމަ ފަހަރަށް މިބަލި ޖެހިގެން ރާއްޖެއިން މީހަކު މަރުވެފައެވެ. އެމީހާ ހިނަވާ އަދި ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔައީ ސިފައިންނެވެ. އެމީހާ ވަޅުލުމުގައި އިސްކޮށް ހަރަކާތްތެރިވީ އަންހެން ސިފައިންނެވެ. އަދި މައްޔިތާގެ ސަންދޯއް އުފުލީ ފިރިހެން ސިފައިންނެވެ.

ޝަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ވެސް، އަދި ބައްޔަށް ޕޮޒިޓިވްވާ ސިފައިން އިތުރުވަމުން އައި ނަމަވެސް، ރޯގާއާ ދެކޮޅަަށް ސިފައިން ކުރާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ.

މާލެއިން ކޮވިޑް19 ފެނުމާ އެކު ގައުމީ ހިދުމަތުގައި ރެއާއި ދުވާލު ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ފުލުހުންނާއި ސިފައިން ގުޅިގެން ކުރާ މަސައްކަތްތަކަށް އާއްމުންގެ ތައުރީފު އަންނަނީ ލިބެމުންނެވެ.