English Edition
Dhivehi Edition

ޞިއްޙީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަޢާފުކޮށްދެއްވައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ސިއްހީ ދާއިރާގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވައޯލް، ހަޒްމަޓް ސޫޓްސް، ސަޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ތަކެތިން ޑިއުޓީ އާއި ޕްރޮސެސިން ފީ ނުނަގާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީ އާއި އެތަކެއްޗަށް ނެގޭ ޕްރޮސެސިންގ ފީ ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދެއްވާފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

އެގޮތަށް ރައީސް ސޯލިހު ނިންމާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މިތަކެތީގެ ޑިއުޓީ މަޢާފުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓު ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އިމްޕޯޓު ޑިއުޓީ މަޢާފުކުރުމާއި، މަޢާފުކުރުމުގައި ޢަމަލު ކުރާނެ އުޞޫލުގެ ދަށުންނެވެ.

އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް، އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓައިޒަރ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން މަޢާފުކޮށްދެއްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި މި ބަލިން ރައްކާތެރިވުމަށް ސަރުކާރުންދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މި ބަލީގެ ސަބަބުން އެކި ދާއިރާތަކަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ރައްޔިތުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަ ކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ އަދަދު 228 އަށް އަރާފައިވާއިރު ބަލި ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ.