English Edition
Dhivehi Edition
އިންޑިއާގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މަދްޔަ ޕްރަދޭޝް ސްޓޭޓްގައި އުމުރުން ހަ އަހަރުގެ ކުއްޖަކު، އެކުއްޖާގެ ގޭގެ ބޭރުން ވަގަށް ނެގުމަށްފަހު ރޭޕްކޮށްފި އެވެ. އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ މިހާރު ކުރަމުންނެވެ.

“ބީބީސީ” އިން ރިޕޯޓްކުރާ ގޮތުގައި އެ ޢަމަލު ހިންގި މީހާ ވަނީ އޭނާ އަކީ ކާކުކަން އެކުއްޖާއަށް ނޭންގުމުގެ ގޮތުން އެކުއްޖާގެ ލޮލަށް ބޮޑެތި ޒަޚަމްތަކެއްވެސް ކޮށްފައެވެ. އެކުއްޖާއަށް މިހާރު ދަނީ ޖަބަލްޕޫރްގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ކަމަށާއި، އެކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް ފުލުހުން ބުނެއެވެ.

މަދްޔަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ، ޝިވްރާޖް ސިންގް ޗޯހަން އެ ހަމަލާ ސިފަކުރެއްވީ ވަރަށް “ލަދުވެތި” ޢަމަލެއްގެ ގޮތުގައެވެ.

ފުލުހުން ބުނާ ގޮތުގައި އެކުއްޖާ ވަގަށް ނަގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ހަވީރު، ރައްޓެހިންނާ އެކީ ގޭގެ ބޭރުގައި ކުޅެން އުޅެނިކޮށެވެ. އެކުއްޖާ ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު، އެރަށުގެ މީހުން ނޫޅޭ އިމާރާތެއްގައި ބަނދެފައި ހުއްޓާއެވެ. އަދި އެވަގުތު އެކުއްޖާ އޮތީ ހޭނެތިފައި ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އެ ޑިސްޓްރިކްޓްގެ ސުޕްރިޓެންޑެންޓް ހެމަންތު ޗޯހަން ‘ޕްރެސް ޓްރަސްޓް އޮފް އިންޑިއާ’ (ޕީޓިއައި) އަށް ވިދާޅުވި ގޮތުގައި އެކުއްޖާގެ ލޮލަށާއި މޫނަށް ވަނީ ބޮޑެތި އަނިޔާތަކެއް ކޮށްފައި ކަމަށާއި، ޑޮކްޓަރުން ދަނީ އެކުއްޖާގެ ލޮލުގެ އޮޕަރޭޝަން ކުރަމުން ކަމަށެވެ.

އެ ހާދިސާ އާއި ގުޅިގެން އެކުއްޖާ ރޭޕްކުރި މީހާ ހައްޔަރުކުރުމަށް ބޭނުންވާ މަޢުލޫމާތު ދޭ ފަރާތަކަށް 10،000 ރުޕީސް (2026.16 ދިވެހި ރުފިޔާ)ގެ އިނާމެއްވެސް ވަނީ ހުށަހަޅައިފަ އެވެ.

އެ ހާދިސާއާއި ގުޅިގެން ތުހުމަތުކުރެވޭ ބައެއް މީހުންނާއި ސުވާލުކޮށްފައިވާއިރު، ވަރަށް އަވަހަށް އެކަމުގައި ހިމެނޭ މީހާ ހައްޔަރުކުރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ސުޕްރިޓެންޑެންޓް ޗޯހަން ވިދާޅުވި އެވެ.

2012 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ދިއްލީގެ ބަހެއްގައި ޒުވާން އަންހެނަކު ރޭޕްކުރުމަށްފަހު މަރާލި ހާދިސާއަށްފަހު، އެޤައުމުގެ ރޭޕް އާއި ބެހޭ ޤާނޫނުތަކަށް ބަދަލު ގެނެސް ވަނީ އިތުރަށް ހަރުކަށިކޮށްފަ އެވެ. އެހެންނަމަވެސް މިއަދާއި ހަމައަށްވެސް އަންހެނުންނާއި ކުޑަ އަންހެން ކުދިންނާމެދު ހިންގާ ކުށްތައް އަދިވެސް މަދުވެފައެއް ނުވެއެވެ.

އެގޮތުން ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އިންޑިއާގައި ރޭޕްގެ ޝިކާރައަށްވާ ކޮންމެ ހަތަރު މީހަކުން އެކަކީ ކުޑަކުއްޖެކެވެ.