އެޕޯލޯ ހޯލްޑިންގްސްގެ އޮފީހުގެ ތިޖޫރީ ފަޅާލައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ އެޕޯލޯ ހޯލްޑިންގްސްގެ އޮފީސް ފަޅާލައި އެ އޮފީހުގެ ތިޖޫރީ ހަލާކުކޮށްލައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ ކަމަށެވެ.
މީގެ އިތުރުން އެ އޮފީހުގެ ތިޖޫރީން 1.7 މިލިއަން ދިވެހި ރުފިޔާ އާއި 2،200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ކަމުގެ މަޢުލޫމާތު ލިބޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ވައްކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން ގޭގެއިންނާއި ފިހާރަތަކާއި އޮފީސްތައްވެސް ފަޅާލައި ވަދެގެން ވައްކަން ކުރާ މައްސަލަތަކަކީ ވަރަށް ގިނައިން ރިޕޯޓްކުރެވޭ މައްސަލަތެކެވެ. ބައެއް މައްސަލަތަކުގައި ގެއްލުނު ފައިސާ އަނބުރާ ހޯދައި، ވައްކަން ކުރި މީހާ ހައްޔަރުކުރި ނަމަވެސް، ބައެއް ފަހަރު އެފަދަ މައްސަލަތަކުގައި ގެއްލޭ މުދަލާއި ފައިސާ ނުހޯދިވެސް ދެއެވެ.