އަންނަ ހަފްތާގެ ތިން ދުވަހު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުޅުވުމަށް ނިންމައިފަ އެވެ.
މީރާއިން މިއަދު ކުރި ޓްވީޓްތަކެއްގައި ބުނެފައި ވަނީ މިހާރު އޮންލައިންކޮށް ލިބެން ނެތް އެ އިދާރާގެ ޚިދުމަތްތައް ދިނުމަށްޓަކައި މި ހިނގާ އޭޕްރީލް މަހުގެ 13، 14 އަދި 16 ވަނަ ދުވަހު އެ އިދާރާ ހުޅުވާނެ ކަމަށެވެ. އަދި ޚިދުމަތްތައް ހޯދަން ޓޯކެން ނަންބަރުތައް ނަގަންޖެހޭނީ ކިޔުބީ އެޕްލިކޭޝަން ނުވަތަ މީރާގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
Or you could make an appointment by contacting us via our hotline, 1415. Token and appointments will be issued from 09:00am to 01:00pm on these days. (2/2)
— MIRA (@MIRAmaldives) April 11, 2020
މީގެ އިތުރުން މީރާގެ ހޮޓްލައިން ނަންބަރު 1415 އަށް ގުޅައިގެންވެސް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ. މީރާއިން ބުނީ ޓޯކެން އަދި އެޕޮއިންޓްމަންޓް ދޫކުރަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 09:00 އިން 13:00 އަށް ކަމަށެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން, އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުން ބަންދުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފަ އެވެ.
އަދި އެކަމާއި ގުޅިގެން ރައްޔިތުންނަށް ދިމާވާ ދަތިތައް ފަސޭހަކޮށްދިނުމުގެ މީރާގެ އިތުރުން ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކްތައްވެސް އަންނަ ހަފްތާގެ ތިން ދުވަހު ހުޅުވުމަށް ވަނީ ނިންމައިފަ އެވެ.