English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ކޮވިޑް-19 އާއި ގުޅިގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފި އެވެ.

އެކަމާއި ގުޅިގެން ފުލުހުން ވަނީ މީހަކު ފޯނުން ގުޅިނަމަވެސް ބޭންކް އެކައުންޓް ނަންބަރު އަދި ކޭޝް ކާޑު ނަންބަރު ނުދިނުމަށް އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން ފޯނުން ގުޅާލައިގެން ގިނަ އަދަދަކަށް ގޮތް ނޭނގޭ އެކައުންޓްތަކަށް ފައިސާ ޖަމާނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި އެފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް މަސައްކަތްކުރާނަމަ 119 އަށް ނުވަތަ 3322112 އަދި 3322111 އަށް ގުޅައިގެން އެ މަޢުލޫމާތު ހިއްސާ ކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންވެސް ވަނީ އެ ބޭންކްގެ ނަމުގައި ކޮވިޑް-19 ސަޕޯޓް ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ނަމުގައި ފޮނުވަ މެސެޖާއި ފޯނުކޯލުތަކަށް ޖަވާބު ނުދީ، އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން ބީއެމްއެލް އިން ބުނީ އެފަދަ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ނުކުރުމަށާއި، ކާޑުގެ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް އެފަދަ މެސެޖުތަކާއި ފޯނުކޯލުތައް ކުރުމަކީ މިފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ މިފަދަ ބޮޑު ހިތާމައިގެ ދަނޑިވަޅުގައިވެސް މީހުންގެ އަތުން ނުހަނު ގޮތުގައި ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ ވަރަށް ހިތާމަވެރި ކަމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.