English Edition
Dhivehi Edition
ސަފާރީ ތަކުގެ މުވައްޒަފުން ޑިންގީތަކުގައި މުޒާހަރާ ކުރަނީ

 

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ މިދުވަސްވަރު މުޒާހަރާތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދަނޑިވަޅުގައި ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް މީހުން މުޒާހަރާ ކުރަމުންދާ ކަމަށާއި ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައިވުމާއެކު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ހުރިހާ އެންމެންވެސް އަމަލުކުރަން އެދޭ ކަމަށެވެ.

 

މިއީ ސުލްޙަވެރި އެއްވުމަކަށްވިޔަސް ،ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ބުނާގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާ ނަމަ، އެފަދަ ކަމަކުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ޙައްގު ހަނި ކުރެވިދާނެ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ގެ ދަށުން ސަފާރީތަކުން މީހުންނަށް ފޭބޭނީ އެ އުޅަނދުތަކުން ގެސްޓުން ފައިބާތާ 14 ދުވަސް ފަހުންކަމަށް އަންގާ ސަފާރީއިން ފައިބައިގެން ދިއުން މަނާކޮށްފައިވާތީ އެކަމާދެކޮޅަށް ސަފާރީތަކުގެ މުވައްޒަފުން ވަނީ އިހުތިޖާޖު ކޮށްފައެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން ދަނީ ގިނަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. ސްކޫލް ތަކާއި ކިޔަވައިދޭ ހުރިހާ ތަނެއް ބަންދު ވުމުގެ އިތުރުން ސަރުކާރު އޮފީސްތަކާއި މުއައްސަސާތައްވެސް މިވަނީ އިތުރު އެއް ހަފްތާއަށް އަނެއްކާވެސް ބަންދު ކޮށްފައެވެ. މާދަމާއިން ފެށިގެން މާލެ ސަރަޙައްދުގެ މަގުތަކުގައި ހަވީރު 4 ން ފެށިގެން ރޭގަނޑު 8 ޖެހުމާ ހަމަޔަށް ހިނގާ ބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ. ސަރުކާރާއި ސިއްޙީ އިދާރާ ތަކުން އިލްތިމާސް ކުރަމުން ދަނީ ނުރައްކާތެރި މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބޭރަށް ނުނިކުމެ ދުވަހުގެ ހުރިހާ ވަގުތުތަކެއް ގޭގައި ހޭދަކުރުމަށެވެ.