English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ތިނަދޫ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކުޅުނު މެޗް 1-0 ލަނޑުން ޓީސީ ސްޕޯޓްސް ކާމިޔާބުކޮށްފި އެވެ.

ޓީސީގެ ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހާފައިވަނީ އިބްރީހިމް މަހުދީ(ހަބޭސް އިއްބެ) ދިން ބޯޅައަކުން ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. މިއީ މިސީޒަންގައި އޭނާ ޖެހި 13ވަނަ ލަނޑެއެވެ.

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗްގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބި ބޭކާރު ކޮށްލާފައެވެ. މިގޮތުން ޓީސީ ސްޕޯޓްސްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ވަނީ ލިބިގެން ގޮސްފައެވެ.މި ގޮތުން މުޅި މެޗުގައި ވެސް ޓީސީ ސްޕޯޓްސްއަށް މޮޅު ކުޅުމެއް ކުޅެދިން ހަބޭސް އިއްބެ ފޮނުވާލި ބާރު ގިނަ ހަމަލާތައް ތިނަދޫގެ ކީޕަރު ރުސްލާން ވަނީ ހުއްޓުވަން ޖެހިފައެވެ.

އިއްބެ އަކީ ޓީސީގެ ފޯވާޑް ލައިން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރު މިނުވަން ޗެމްޕިއަން ޝިޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސ.ފޭދޫ ސްޕޯޓްސްއިން އެޓީމަށް ގެނެސްފައިވާ ކުޅުންތެރިޔެކެވެ.

މި މެޗުގައި ތިނަދޫ އަށް ވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޓީސީގެ ކުޅުންތެރިއެއްގެ ކައިރިން ނައްޓާލުމަށްފަހު ރިޒުވާން އޭރިޔާ ތެރެއަށްވަދެ ހުހަށް ހުރެ ފޮނުވާލި ހަމަލާ ނޭޕާލްގެ ކީޕަރު ކިރަން ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މި މެޗުން މޮޅުވެ ޓީސީ ވަނީ ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނާގައެވެ.އެއްވަނައިގައި އޮތް މާޒިޔާވަނީ ދެ މެޗުން 6 ޕޮއިންޓް ހޯދާފައެވެ.އަދި މިރޭ މިލަންދޫ އާއި ދެކޮޅަށް މާޒިޔާ ކުޅޭ މެޗް މާޒިޔާ ކާމިޔާބުކޮށްފިނަމަ މާޒިޔާއަށް ތިން ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ