English Edition
Dhivehi Edition

ކޮންގޯގެ އިރުއުތުރުގައި އޮންނަ އިތުރީ ޕްރޮވިންސް އަށް ގަދަޔައް ވިއްސާރަކޮށް ބިންގަންޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން 200 މީހުން މަރުވެެއްޖެއެވެ.

އެފްރިކާ ބައްރުގެ މެދު ސަރަހައްދެއްގައި އޮންނަ ކޮންގޯގެ އިތުރީ ޕްރޮވިންސްގެ ގަވަރުނަރު ޕެނެ އެމްބާކާ، ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެއަދަދު އަސްފައިވަނީ މި ކާރިޘާގައި ގެއްލިފައިވާ މީހުންގެ އަދަދަށާއި ހަލާކުވެފައި ގެތަކުގެ އަދަދަށް ބަލާފަ ކަމުގައެވެ. އެނާ ވިދާޅުވި ގޮތުގައި 50 ގެ ވަނީ މުޅިންހެން ސުންނާފަތި ވެފައެވެ.

އެޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަަރު ވަނީ ހުކުރު ދުވަހާ ހަމައަށް 60 މީހުން ވަޅުލެވިފައިވާ ކަމަށް ‘އަލްޖަޒީރާ’އަށް ކަށަވަރު ކޮއްދީފައެވެ.

މިވަގުތު އ.ދ.ގެ އިންސާނީ އެހީދޭ ފަރާތްތަކުން ވެފައިވާ ގެއްލުންތަށް ދިރާސާ ކުރަމުންނެވެ. އެފަރާތްތަކުން ބުނެފައިވަނީ މިއީ ފަރުބަދަތައް ގިނަ ސަރަހައްދަކަށް ވުމުން ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ވުމުގައި ދަތި ތަކެއް ދިމާވެފައިވާ ކަމަށެވެ.

އ.ދގެ ކާނާއާއި ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި ކޮންގޯ އަކީ އިންސާނީ އެހީއަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެއް ގައުމެވެ. ފަޤީރު ކަމުގެ ސަބަބުން ބަނޑަށް ޖެހފައިވާ 7.7 މިލިއަން މީހުން އެބަތިއްބެވެ.

މިދިޔަ ހޯމަދުވަހު ސިއެރަ ލިއޯން ގައިވެސް ވަނީ 400 މީހުން ކިސަޑު ފޭބުމުގެ ސަބަބުން މަރުވެފައެެވެ. މެދު އެފްރިކާ އަދި ހުޅަނގު އެފްރިކާގެ ގައުމު ތަކުގައި މިދުވަސް ވަރު ބިންގަނޑުކަނޑައިގެން ގޮސް ކިސަޑު ފޭބުމަކީ އާންމު ކަމަކަށް މިވަނީ ވެފައެވެ. ސަބަބަކީ ގިނަ ރަށްތަކަކީ ފަރުބަދަ މަތީ ރައްތަކަށް ވެފައި ފަރުބަދަ މަތީ ޖަންގަލި ތަށް ނެތި ދިއުމުންނެވެ.