English Edition
Dhivehi Edition

ހެޑްސެޓަކީ ޒުވާނުންގެ މެދުގައި މަޤްބޫލު އެއްޗަކަށް ވީނަމަވެސް އެއިން ލިބިދާނެ ގެއްލުމަކާއި މެދު ވިސްނާލެވިނީ ވަރަށް މަދު ފަހަރެއްގައެވެ.

އެހެން ޒުވާނުންނެކޭ އެއްފަދައިން އަހަރެންވެސް ހެޑްސެޓް އަޅަމުން އައީ ފެޝަނަކަށެވެ. ލަވައާއި މިއުޒިކް އަޑުއެހުމަށެވެ. ބައެއްފަހަރު ދީނީ އެއްޗެއް އަޑު އެހުމަށްވެސް މެވެ.

އަހަރެންނަކީ ހިތަދޫގައި ދިރިއުޅޭ މީހަކަށްވިނަމަވެސް ވަޒީފާއަށް ދާންޖެހެނީ ގަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު 13 ކިލޯމީޓަރގެ ދިގު ދަތުރެއް ކުރަންޖެހެއެވެ. ކިތަންމެ ދިގު ދަތުރެއް ކުރަންޖެހުނަސް މުސާރައަށް ލިބެނީ -7000 ރުފިޔާއެވެ. ނަމަވެސް އެހެން ޒުވާނުންނެކޭ އެއްފަދައިން އަގުބޮޑު ފޯނެއް އަތުގައި އޮތުމަކީ އަހަރެންގެވެސް ހުވަފެނަކަށްވާތީ އެންމެ ފަހުގެ ސްމާރޓް ފޯނެއް ގެންގުޅެމެވެ.

އައްޑޫގެ ލިންކް ރޯޑް އަކީ ނުރައްކާތެރި އެކްސިޑެންޓް ހިނގާތަނެއްކަން އަހަރެންނަށް އެނގެއެވެ. އަދި އެތައްބަޔަކު މިހާތަނަށް ނިޔާވެފައިވާކަން ވެސް އެނގެއެވެ. އެހެންކަމުން ކިތަންމެ ދިގު ދަތުރެއް ކުރަންޖެހުނަސް އަހަރެންގެ ސަލާމަތަށްޓަކައި ދުއްވަނީ ވަރަށް މަޑުންނެވެ.

ހެޑްސެޓް އަޅައިގެން އިންޖީނުލީ އެއްޗެހި ދުއްވުމަކީ މަނާކަމެއްކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް ފުލުހުން އަބަދު މަގުމަތީގައި ނުތިބޭނެ ކަމަށްބަލާ އަހަރެން ދިގު ދަތުރެއް ކުރާނަމަ ދަނީ ހެޑްސެޓް އަޅައިގެން ބާރަށް ލަވަޖަހަމުންނެވެ. ސަބަބަކީ އެކަނިވެރިކަން ފިލައި، ފޫހި ނުވާނެތީއެވެ.

މިގޮތަށް އަހަރެން ދުއްވާފައި ދިޔަ ދުވަހެކެވެ. ގާތްގަނޑަކަށް 30 ކިލޯމީޓަރ ބާރު މިނުގައި ފަޅުރައްތަކުގެ ތެރެއިން ލިންކް ރޯޑް އިން އަހަރެން ދުއްވާފައި ދިޔައީމެވެ. އެއިރު އަހަރުން ހުރީ ހެޑްސެޓް އަޅައިގެން ބާރަށް އިނގިރޭސި ލަވައެއް ޖަހަމުންނެވެ. މުޅިމީހާ ހުރީ ލަވައިގެ ތެރެއަށް ގޮސް ހުސްވެފައެވެ.

އަހަރެން ސައިކަލް ދުއްވަމުން ގޮސް އާއްމުކޮށް ކިޔާ ރުއްބަރި ސަރަޙައްދަށް ދިޔައީމެވެ. ލަވައިގެ ތެރެއަށް ގެއްލިގެން ހުރެ މަޑު ދުވެއްޖެއްގައި ދުއްވަމުން ދިޔައިރު އަހަރެންގެ ފަހަތުން އެހެން އުޅަނދެއް އަންނަކަން ނޭނގެއެވެ. އަހަރެންގެ ސައިކަލުގައި ފަހަތް ފެންނަ ގޮތަށް ލޯގަނޑެއް ނެތުމުން ފަހަތުން އެއްޗެއް އަންނަކަމެއްވެސް ނޭނގެއެވެ. އެހެންނަމަވެސް އެއްޗެއް އަންނަހެން ހީވާތީ ފަހަތަށް އެނބުރި ބަލާލީމެވެ. އެވަގުތު ލިބުނީ ކުއްލި ޝޮކެކެވެ. އަހަރެންގެ ފަހަތުން އެމްބިއުލާންސް ސައިރަން އަޅާފައި އަންނަނީ އެވެ. ދާދި ކައިރީގައި އޮވެގެންނެވެ. އެންބިއުލާންސަށް އަހަރެންގެ ކުރިއަރައިގެން ދާނެ ޖާގައެއް ވެސް އެމަގުގައި ނެތެވެ. ހެޑް ސެޓް ޖަހައިގެން ލަވަ އަޑު އަހަމުން ދިޔުމުގެ ސަބަބުން އެންބިއުލާންސްގެ އަޑު ކުރިން ނީވުނީއެވެ. މިފެނުނު މަންޒަރުން އަހަރެންނަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. މަގަށް ދޭންވީ ސަމާލުކަން ދޭންވީވަރަށް ނުދެވުނެވެ. ސިއްސައިގެން ދިޔަ ވަރުން އަހަރެނަށް ސައިކަލްގެ މުށްގަނޑަށް އަނބުރާލެވުނެވެ. އިސާހިތަކު އަހަރެންނަށް ސައިކަލްގެ ކޮންޓްރޯލް ގެއްލި ސައިކަލާއި އެކު ބިންމައްޗަށް ވެއްޓުނެވެ.

ހޭވެރިކަން އައިއިރު އޮތީ ހޮސްޕިޓަލްގައެވެ. މިކަމާއި ގުޅިގެން ފުލުހުން އަހަރެންނާއި ސުވާލުކުރިއެވެ. އަދި ތަޙްޤީގު ނިމިގެން ދިޔައިރު ހެޑް ސެޓް އަޅައިގެން އަހަރެން ސައިކަލް ދުއްވީތީ އާއި ސައިރަން އަޅާފައިދިޔަ އެންބިއުލާންސް އަށް ޖާގަ ނުދިނީތީ އެކަންކަމަށް ޖޫރިމައިނާ ކުރިއެވެ. މީގެ އިތުރުން އަހަރެން ދުއްވަމުން ދިޔަ ސައިކަލްގެ އަހަރީފީ އާއި އިންޝުއަރެންސް މުއްދަތު ހަމަވެފައިވާތީ އެކަމަށްވެސް ޖޫރިމައިނާ ކުރިއެވެ. އަދި އަހަރެންގެ ލައިސަންސް ވެސް ހިފެހެއްޓިއެވެ.

އަހަރެންނަށް ލިބިގެން ދިޔައީ ހިތާމައިގެ އިންތިހާއެވެ. ސައިކަލާއި އެކު ބިންމަޗަށް ވެއްޓިގެން ބޮޑު ހާނިކައެއް ނުލިބުނު ނަމަވެސް މާލީ ގޮތުން ބޮޑު ގެއްލުމެއް ލިބުނެވެ. ލައިސަންސް ނެތި ސައިކަލެއް ނުދުއްވެއެވެ. އެލައިސަންސް ހޯދުމަށް ދައުލަތަށް 3000 ރުފިޔާ ޖޫރިމައިނާގެ ގޮތުގައި ދައްކަން ޖެހުނެވެ. ސައިކަލަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް 2800 ރުފިޔާ ހޭދަވިއެވެ. މުސާރައިގެ ބޮޑުބައި އެގޮތަށް ހޭދަވީއެވެ.

އަހަރެންކަހަލަ ކުޑަ އާމްދަނީ އެއް ލިބޭމީހަކަށް މި ލިބުނު ގެއްލުން ފޫބެއްދޭވަރެއް ނުވިއެވެ. އެހެންނަމަވެސް އެއީ އަހަރެންނަށް ލިބެންޖެހޭ ހައްޤު އަދަބެއްކަން އަހަރެން ޤަބޫލުކުރަމެވެ. އެދުވަހަށްފަހު އަހަރެން ހެޑް ސެޓް އަޅައިގެން ދުއްވާއެއްޗެހި ނުދުއްވަމެވެ. ދުއްވާއިރު މަގަށް ސަމާލުކަން ދެމެވެ. ސައިކަލްގައި ހުންނަންޖެހޭ ހުރިހާ ސްޓިކާއެއް އަބަދުވެސް ހަމައަށް ބަހައްޓަމެވެ. މިހާރު އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ފުރިހަމަ އަށް އަހަރެން ތަބާވަމެވެ.

1 ކޮމެންޓް
ހަމްޒިއްޔާ ވަޙީދް
އޮގަސްޓް 26, 2017
އިބްރަތެއެް ލިބުމުން އަބަދުވެސް ރަނގަޅުގޮތް އެނގޭ