އިތުރު އެއް ހަފްތާއަށް ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ބަންދުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ބުދަ ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މީގެ ކުރިން ވަނީ މި މަހުގެ 19 ން ފެށިގެން މާދަމާގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައެވެ. މިހާރު ވަނީ އެމުއްދަތު އިތުރު އެއްހަފްތާއަށް އިތުރުކޮށްފައެވެ.