English Edition
Dhivehi Edition

މި ދުވަސްކޮޅު ފެތުރެމުންދާ ކޮވިޑް 19 ގެ ބަލިމަޑުކަމާއިދިމާކޮށް ގިނަ ވިޔަފާރިތަކަށް ދިރާގުޕޭ ގާއިމު ކުރުމަށް މަގުފަހު ކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ ދިރާގު ޕޭގެ މާޗެންޓް ޓްރާންސެކްޝަން ފީ 3 މަސްދުވަހަށް ނުނަގާ ގޮތަށް ހަމަޖައްސައިފިއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފަރ ކުރެވެއެވެ.

މިއީ ކޮވިޑް19 ގެ ސަބަބުން ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަން މަޖުބޫރު ވެ މި ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން އަތްދޮވެ، ސާފުތާހިރުކަމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަކެއްޗަށްވެފައި ގޭގައި ތިބެގެން ބިލްތައް ދައްކާ، ރެސްޓޯރެންޓްތަކުން އޯޑަރ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ މުހިއްމުކަން ބޮޑުވެފައިވާ ދަނޑިވަޅެކެވެ.

މިފަދަ ދަނޑިވަޅެއްގައި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް ފަށާފައި ވާކަން ދިރާގުން ފާހަގަ ކުރެއެވެ. މިމުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭ އާ ގުޅޭ ވިޔަފާރިތަކުންވެސް 3 މަހަށް ފީ ނުނެގުމަށް ދިރާގުންވަނީ ނިންމަވާފައެވެ.

ދިރާގުޕޭގެ ޚިދުމަތް ރާއްޖޭގެ އެކި ހިސާބުތަގެ 260 އަށް ވުރެ ގިނަވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެތެރޭގައި ޑެލިވަރީގެ ޚިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޮރަންޓްސް، ޖެނެރަލްޓްރޭޑިންގ، ސެލޫންސް އަދި ހޮސްޕިޓަލް ތަކާއި މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ. ދިރާގުން ދަނީ އިތުރު ވިޔަފާރިތައްވެސް މި ޑިޖިޓަލް ޕޭމަންޓް ނިޒާމަށް ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ހަމަ މިއާއެކު، ޑިޖިޓަލް ޚިދުމަތް ބޭނުންވާ ވިޔަފާރިތަކަށް އެ ފުރުސަތުވަނީ ހުޅުވާލާފައިއެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށްވެސް ވާކަށް ނުޖެހޭނެއެވެ.

ދިރާގުގެ ހުރިހާ ޚިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައިއެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ބާރު އަޅަމުންދާއިރު، ދިރާގު ޕޭ މެދުވެރިކޮށް މި ޗެނަލްތަކުން ދިރާގުގެ ޚިދުމަތްތަކަށް ފައިސާ ދެއްކެއެވެ. އަދި ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފަރ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުންކަމަށް ދިރާގުން ވިދާޅުވެއެވެ.