English Edition
Dhivehi Edition
ޔޫތު މިނިސްޓަރ އަޙްމަދު މަހުލޫފް - ފޮޓޯ: ނިޝާން އަލީ (މިހާރު)

ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން ފަސްކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޖަމްޢިއްޔާތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް، އަހަރީ ޢާއްމު ޖަލްސާ އަދި ހިންގާ ކޮމެޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޖަލްސާ، ސަރުކާރުން ނިންމާފައިވާ ކުއްލި ޙާލަތުގެ ނިޔަލަށް ހުށަހެޅުމަށް ފަސްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން މީހުން އެއްތަނަކަށް އެއްވެ ޖަމްޢިއްޔާތަކުން ހިންގާ ޕްރޮގްރާމްތައްވެސް ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން މަޑުޖައްސާލުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި، ޖަމްޢިއްޔާތަކުން ހުށަހަޅާ އެންމެހާ ލިޔެކިޔުންތައް [email protected] މެއިލަށް ފޮނުއްވުމަށް އިސްކަންދެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ބޮޑު ވެފައިވާތީ، އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، 2020 މާރިޗު 12 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ ޢާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފަ އެވެ.

ރާއްޖެއިންވެސް މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ފެނިފައިވާއިރު، ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް މިއަދު ކެބިނެޓުން ވަނީ ނިންމާފައެވެ.