English Edition
Dhivehi Edition
ސ. ގަން ޕޮލިސް ސްޓޭޝަން - ފޮޓޯ: ފޯސްކޮއަރ

ޕްރީ-ފެބްރިކޭޓް އުޞޫލުން ސ. ގަމުގައި ޕޮލިސް ސްޓޭޝަން އަދި އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތުގެ އިތުރުން ސ. ހިތަދޫގައި ޕޮލިސް އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރީ-ފެބްރިކޭޓް އުޞޫލުން ސ.ގަމުގައި ޕޮލިސް ސްޓޭޝަން އަދި އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 250،000ރ. އަދި ޕްރީ-ފެބްރިކޭޓް އުޞޫލުން ސ. ހިތަދޫގައި ޕޮލިސް އެކޮމޮޑޭޝަން ޢިމާރާތުގެ މަސައްކަތް ކުރުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 110،000ރ. ހުށަހަޅަންޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

އެ އިޢުލާނުގައި ބުނެފައިވާ ގޮތުން 30 މާރިޗު 2019 އިން ފެށިގެން ފިނޭންސް މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި، ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/1500ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރު) ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށާއި، ފައިސާ ބަލައިގަންނާނީ 17 މާރިޗު 2020 އިން 14 އެޕްރީލް 2020 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:00އަށް ފިނޭންސް މިނިސްޓްރީން ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް އިން 18 މާރިޗު 2020 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި، ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، [email protected] މި އީމެއިލް އެޑްރެހަށެވެ.

އެ މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 15 އެޕްރީލް 2020 ވާ ބުދަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.