English Edition
Dhivehi Edition
މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާ - ފޮޓޯ: ހޮޓެލްސް ކޮމްބައިންޑް

ކޮވިޑް-19 އާއި ގުޅިގެން ވަގުތީގޮތުން އަރާފޭބުން ހުއްޓުވި ރިސޯޓެއް ކަމަށްވާ މީރު އައިލެންޑް ރިސޯޓް އަލުން ހުޅުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް، މޮނިޓަރިންގްގެ ހާލަތުން ނެގިފައިވާ ކަމަށެވެ.

މީގެ އިތުރުން ބ. ފެހެންދޫ އާއި އޮބްލޫ ސިލެކްޓް އެޓް ސަންގެލި ރިސޯޓާއި ބަނޑޮސް އައިލެންޑް ރިސޯޓްގެ އިތުރުން ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓުން ނެގި ސާމްޕަލްތައް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ޤަވާއިދާއި އެއްގޮތަށް އެ ރަށްތައްވެސް މިހާރު އަލުން ހުޅުވާލާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ އިއްޔެ ބުނެފައެވެ.

ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ ބައްޔެއް ނުވަތަ ‘ޕެންޑަމިކް’އެއް ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ކަނޑައަޅައިފަ އެވެ. މިއީ ކޮރޯނާވައިރަސްއަކާ ގުޅިގެން ‘ޕެންޑަމިކް’ ކަނޑައެޅި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ބައްޔަށް ރާއްޖެއިންވެސް މިހާތަނަށް 13 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.