English Edition
Dhivehi Edition
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއި އެކީ ފެތުރެމުން އަނަން ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 126،420 އަށް އަރައިފި އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުން ފެށިގެން ފެތުރެމުން އަންނަ މި ވައިރަސް ދުނިޔޭގެ 124 ޤައުމުން މިހާތަނަށް ފެނިފައިވާއިރު މި ބަލި ޖެހިގެން މަރުވާމީހުންގެ އަދަދުވެސް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިއަދާއި ހަމައަށް މިވައިރަސް ޖެހިގެން 4،636 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.
މި ވައިރަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމު ކަމުގައިވާ ޗައިނާއިންނެވެ. އެގޮތުން އެ ގައުމުން މި ވައިރަސް ޖެހިގެން 3،169 ހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 80،796 މީހުންނަށް އެ ގައުމުން ވަނީ މި ބަލި ޖެހިފައެވެ.
މިހާރު ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން ދަނީ އިޓަލީ އިންނާއި އީރާނުންނެވެ. އިޓަލީ އިން 12،462 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 827 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އިރާނުން 9،000 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު 354 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.
ވައިރަހާއި ގުޅިގެން މި ވައިރަސް ފެނިފައިވާ ގައުމުތަކަށް ނުދެވޭގޮތް ހަދާފައިވާއިރު ދުނިޔޭގެ އެތަކެއް ސިޓީއެއް ވަނީ ކަރަންޓީން ކޮށްފައެވެ.
ދިވެހީން އެންމެ ގިނައިން ގޮސްއުޅޭ ސްރީލަންކާ، މެލޭޝިޔާ، ސިންގަޕޫރް، ތައިލެންޑުންވެސް ވަނީ ވައިރަސް ފެނިފަ އެވެ.