English Edition
Dhivehi Edition
ބްރޯޑްކޮމް އިން މިއަދު އެލްޖީއޭ އާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ބްރޯޑްކޮމް

ބައެއް ރަށްރަށުގައި ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމުންދާތީ ހުށަހެޅޭ މައްސަލަތައް ބެލުމުގައި، ކައުންސިލްތަކުން ހޯދަންޖެހޭ މައުލޫމާތު ލިބުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއެކު މަޝްވަރާކޮށްފިއެވެ.

ބްރޯޑްކޮމް އިން ބުނީ މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަނުން ފާހަގަކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބައެއް ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ މައްސަލަތައް ބެލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ބައެއް ރަށު ކައުންސިލްތަކުން ލިބެންވާ އެއްބާރުލުން ނުލިބޭކަން ކަމަށެވެ.

އަދި އެ މައްސަލަތައް ބެލުމަށް އެލްޖީއޭ އާއި ރަށު ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބައެއް ރަށްރަށުގައި ޤަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގެ ޚިދުމަތްތަކާ ގުޅޭ މައްސަލަތައް ބެލުމަށް މިކަމުގެ ސަބަބުން ދަތިވެފައި ކަމުގައި އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން، ރީބްރޯޑްކާސްޓިންގ ޚިދުމަތް ރަށްރަށުގައި ގަވާއިދާ އެއްގޮތަށް ދިނުމަށް ބާރުއެޅުމުގެ ގޮތުން، ރަށު ކައުންސިލްތަކަށް ޚާއްޞަކޮށްގެން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންނާއި، ގަވާއިދާ ޚިލާފަށް މި ޚިދުމަތް ދިނުމުގެ ސަބަބުން ބްރޯޑްކޮމް އިން ބަލަމުންދާ ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ޙައްލުކުރުމަށް ދެ މުވައްސަސާއިން އިތުރު މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެ ބައްދަލުވުމުގއި ބްރޯޑްކޮމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.