ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެޑްމިޓް ކޮށްފިއެވެ.
މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ހިތުގެ ޑޮކްޓަރަކަށް ދެއްކުމަށް މާލެ ގެނެސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި އެވެ.
ރައީސް ޔާމީން ހުންނަވަނީ ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި އެވެ. ޔާމީން އައިޖީއެމްއެޗްގެ ކާޑިއެކް ސެންޓަރަށް ގެންދެވިފައި ވަނީ ކަރެކްޝަނަލް ސާވިސް އޮފިސަރުންގެ ބެލުމުގެ ދަށުންނެވެ. ކަރެކްޝަނުން ވަނީ ޔާމީން ހޮސްޕިޓަލަށް ގެންދެވުނުކަން ކަށަވަރުކޮށްދީފައެވެ.
މީގެ ކުރިން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް ޖެހިވަޑައިގެންފައިވާ ހިތުގެ މައްސަލަ އަކީ ދިވެހިރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުން އެކަމަށް ފަރުވާ ހޯދުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރީމަނާ ކޮށްފައެވެ.