English Edition
Dhivehi Edition

ހުޅަނގު އެފްރިކާގެ ގައުމެއް ކަމައްވާ ސިއެރަ ލިއޯންގައި ފެންބޮޑުވެ 300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ރިޕޯޓްތައް ބުނެފިއެވެ. މީގެ އިތުރުން 600 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.

ތިން ދުވަސް ވަންދެން މެދު ނުކެނޑި ކުރި ވިއްސާރައިގެ ސަބަބުން އެގައުމުގެ ވެރިކަން ކުރާރަށް ކަމަށްވާ ފްރީޓައުން ގައި ފެން ބޮޑުވެ ރީޖެންޓް ސަރަހައްދުގައި ކިސަޑު ފޭބުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ކިސަޑު ފޭބުމުގެ އިތުރުން ފެންބޮޑުވެ މަރުވި މީހުންގެ ޖުމްލަ އަދަދު ޔަގީން ކޮށް ބުނަން އަދި ނޭނގެއެވެ. ނަމަވެސް ފްރީޓައުންގެ ކޮރޮނާގެ އާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން 400 މީހުންގެ ހަށިގަނޑު މީހާތަނަށް ވަނީ ފެނިފައެވެ. އަންގާރަ ދުވަހު އެގައުމުގެ ރެޑްކްރޮސް އޮފިޝަލަކު އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަރުވި މީހުންގެ އަދަދު 300 އަށް އަރާފައިވާ ކަމުގައެވެ.

އިންސާނީ އެހީދޭ އެކިއެކި ޖަމާއަތް ތަކުން އެގައުމުގައި ދަނީ މިވަގުތު ހަރަކާތްތެރި ވަމުންނެވެ. އެގޮތުން އ.ދ އިން ދަނީ އެގައުމުގެ މުއައްސަސާ ތަކާއި އެކު މަސައްކަތް ކޮށް އަދި ފެނުގެ ޒަރީއްޔާއިން ފެތުރިދާނެ ފަދަ ބަލިތަކަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަމުންނެވެ. އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން އިން ވަނީ އެގައުމަށް 150000 ޑޮލަރުގެ ކުއްލި އެހީ ފެން ބޮޑުވުމާ ގުޅިގެން ވަނީ ދީފައެވެ.

އެގައުމުގެ ރައީސް އާނެސްޓް ބައި ކޮރޮމާ ވަނީ އެގައުމަށް ކުރިމަތިވިމި ކާރިޘާއިން އަރައިގަތުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި މިއީ އެގައުމުން އެކަނި މަސައްކަތް ކޮއްގެން އަރައިނުގަނެވޭނެ ފަދަ ބޮޑު ކަމެއް ކަމުގައެވެ. އަދި ބައެއް އަވަށްތައް އެކޮށް ނެތި ގޮސް އެތައް ބަޔަކު ހާލުގައި ޖެހިފައިވާ ކަން ރައީސް ވަނީ ފާހަަގަ ކުރައްވާފައެވެ.