English Edition
Dhivehi Edition

އުފާވެރިކަމާއި ހިތްހަމަޖެހުން ހުއްޓެވެ. ދިވެހި ރާއްޖެ އަށް ސިޔާސީ މިނިވަންކަން ލިބުނުތާ ފަންސާސް އަހަރު ފުރުނީއެވެ. ފުރަތަމަ ފަންސާސް އަހަރު ނިމިގެން ދިޔައީ ތަރައްގީއާއި ތަހުޒީބުގެ ރޮނގުގައި ރާއްޖެއަށް ކުރިއެރުންތަކެއް ހޯދައިދީފައެވެ. ވިޔަފާރިއާއި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ކާމިޔާބިތަކެއް ހޯދައި ދީފައެވެ. ތަޢުލީމާއި ޓެކްނޮލޮޖީގައި އުފާކުރަންޖެހޭ މިންވަރަށް ކުރިއެރުންތައް ކަށަވަރުކޮށްދީފަ އެވެ.

ރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބިފައިވަނީ 1965 ވަނައަހަރުއެވެ. އެއަހަރުން ފެށިގެން 2015 އަށް މިވަނީ ދިވެހި މިނިވަންކަމަށް 50 އަހަރު ފުރިފައެވެ. ނިޢުމަތްތަކުގެ ވެރި ﷲ އަށް ހަމްދު ހުއްޓެވެ.

މުޅި ގައުމު ދިއްލައިގެން މިނިވަން 50 ފާހަގަކުރީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އަދިވެސް ކުރިއަށް މިދަނީ އެ މުނާސަބަތެވެ. އެކަމަކު މިއިން އެއްވެސް ހަރަކާތެއްގައި މިނިވަންކަމުގެ ދެވަނަ 50 ގެ ވާހަކަ ދެއްކެވީ ކޮން ބޭފުޅެއް ހެއްޔެވެ؟ ކޮން ވަޒީރެއް ހެއްޔެވެ؟ ކޮން ޢިއްޒަތްތެރިއެއް ހެއްޔެވެ؟

މިނިވަން ކަމުގެ ދެވަނަ ފަންސާހުގެ ފުރަތަމަ އަހަރުގެ ފުރަތަމަ މަހުގައި އަޅުގަނޑުމެން ދައްކަންޖެހޭނެ އެންމެ މުހިންމު ވާހަކައަކީ ދެވަނަ ފަންސާސް ފުރިހަމަ ކުރާނެ ގޮތުގެ ވާހަކައެވެ. މިނިވަންކަންމަތީގައި ދެމިތިބެވޭނެ ގޮތުގެ ވާހަކައެވެ. އެކަމަށްޓަކައި ކުރަންޖެހޭނެ ކަންކަމުގެ ވާހަކައެވެ. ވާންޖެހޭ ތައްޔާރީތަކުގެ ވާހަކައެވެ. ދެވަނަ ފަންސާސް ފުރިހަމަވާއިރު ރާއްޖެ އޮންނާނެ ހިސާބެވެ. ތަރައްގީގައި ހޯދަންޖެހޭ ކާމިޔާބީ ތަކުގެ ވާހަކައެވެ. ތަޢުލީމީ ގޮތުން ރާއްޖެ ހޯދަންޖެހޭ ކާމިޔާބީތަކުގެ ވާހަކައެވެ. އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ރޮނގުން ދިވެހިން ތިބޭނެ ހިސާބުގެ ވާހަކައެވެ. ޓެކްނޮލޮޖީގައި ހޯދަންބޭނުންވާ ކުރިއެރުމުގެ ވާހަކައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހޯދަންޖެހޭ ކުރިއެރުންތަކުގެ ވާހަކައެވެ. މިކަންކަމުގެ ތެރެއިން ޔަގީން ކުރަން ވެފައި އޮންނަންޖެހޭ އެއްކަމެއް އެބައޮތެވެ. ފުރަތަމަ ފަންސާހަށްވުރެ ދެވަނަ ފަންސާހުގެ ތަރައްގީ އަވަސްވެފައި އެތައް ތަނަކުން މާބޮޑަށް ކުރިއަރަންޖެހޭކަމެވެ. ދުނިޔޭގެ ކުރިއެރުމާއި ވަސީލަތްތަކުގެ ކުރިއެރުމަށް ބަލާއިރު ދެވަނަ 50 މިންކުރަން ޖެހޭނީ ފެންވަރުގެ ގޮތުން މަތީ، ވަގުތުގެ ގޮތުން އަވަސް މިންގަނޑަކުންނެވެ.

މިވާހަކަތައް ދައްކައި މިކަމަށް ޢަމަލީ ސިފަ ގެންނާނީ ކޮންބައެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެކަން ކުރަންޖެހޭނީ ސަރުކާރުންނެވެ. އެވާހަކަތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭންޖެހޭނީ ސަރުކާރުގެ ވަޒީރުންނެވެ. ރައީސުލްޖުމްހޫރިއްޔާއެވެ. ސަރުކާރުން އެކަނި އެވާހަކަތައް ދައްކައިގެން ފުއްދާލެވޭކަށްވެސްނެތެވެ. ސަރުކާރާ އެއްވަރަށް އިދިކޮޅު ފަރާތްތަކުން ނުވަތަ ޕާޓީތަކުންވެސް އެވާހަކަ ދައްކަންޖެހެއެވެ. ފުރަތަމަ ވާހަކައެވެ. އެއަށްފަހު ތަސައްވުރެވެ. އެއަށްފަހު ޢަމަލެވެ.
ޤައުމު ބިނާކުރުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ އިދިކޮޅު ފަރާތްތަކުގެވެސް ޒިންމާއެކެވެ.

އާންމުންގެ ޒިންމާއެކެވެ. އެންމެންގެ ޒިންމާއެކެވެ.
ރާއްޖޭގައި ތަޖުރިބާ ކުރެވިފައިވާ އުސޫލަކީ އަނބޮއްފުޅާއި ދަނބޮއްފުޅު ވާހަކައިގެ އުސޫލެވެ. އެކަކު އަނެކެއްގެ ބޮލަށް ޖަހަމުން ދިއުމެވެ. ކަމުކިޔާ މީހާ މާޔޫސްވަންދެންނެވެ. މީދާ ފަހައިގަންނާނޭ ބުޅަލެއް ފެންނަންދެނެވެ.

އެހެންކަމުން ދެވަނަ 50 ގެ ވާހަކަ ދެއްކުމަށް މަޖުބޫރުކުރާނޭ ބުޅަލެއް މިއަދުގެ ދިވެހި ގައުމަށް ބޭނުންވެއްޖެއެވެ. ޔަގީނުން ވެސް އެކަން ކުރަންތިބީ ރައްޔިތުންނެވެ. ރައްޔިތުންގެ ވަކިވަކި ފަރުދުންނެވެ. ވާހަކަ ދައްކަންވީ ޖެހިގެންހުރި މީހާގެ ގާތުގައެވެ.

އިސާހިތަކު ސިޔާސީ މީހުން އެވާހަކަ ދައްކަން މަޖުބޫރުވާނެ އެވެ. ޒަމާން ބަދަލުވެ ބޮލާއެޅިފައިވާ ސިޔާސީ ސުލޫކަށް ބަލާއިރު ވާހަކަ ނުދައްކައި ތިބެގެން ވާކަށް ނެތެވެ. އަޑު އިއްވަން ޖެހެއެވެ. ރައްޔިތުންގެ ފަރުދީ އަޑެވެ. ސިޔާސީ ޕާޓީތަކުގެ އަޑެވެ.

ސަރުކާރުގެ އަޑެވެ. މި އަޑު އިއްވަން ޖެހެ އެވެ. މި އަޑުތައް އަހަން ވެސް ޖެހެ އެވެ. އަޑުތައް އެހި ކަމަށް ވާނީ އަޑުތަކުގެ ރާގާއި ބައްޓަމަށް ބެލުމަށް ފަހު ޢަމަލު ކުރަން ފެށުމުންނެވެ.