އައްޑޫ ސިޓީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަގުތައް ސާވޭކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ުރި ޓްވީޓެއްގައި ބުނެފައި ވަނީ އައްޑޫގެ މަގުތައް ސާވޭކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫޢުގެ ދަށުން 25 ކިލޯމީޓަރުގެ މަގު އައްޑޫގައި ހެދޭނެ އެވެ.
Addu Road Development project ge survey masaiykaiy fashaifi. masaikaiy dhaagoiy Council aai miadhu vanee hissaakoffa. Addu ge 25km ge magu mi project ge dhashun hedheyne. @MoEDmv @EoIMaldives @SobeAbdulla @MoNPImv @Yasriph
— Addu City Council (@AdduCityCouncil) December 24, 2019
އައްޑޫގެ 25 ކިލޯމީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިން އަދި ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ ހަވާލުކޮށްފައި ވަނީ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑާއި އެލްއީއޭ އެސޯސިއޭޓްސް ސައުތު އޭޝިޔާ ޕްރައިވެޓް ލިމިޓެޑާ އެވެ.
އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ދެވިފައިވާ މިމަސައްކަތް ނިއްމުމަށް ދީފައިވާ މުއްދަތަކީ ތިން އަހަރާއި ބައެވެ. މިމުއްދަތުގެ ތެރޭގައި އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހެދުމާއި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫއިން 75 ހެކްޓަރާއި ހުޅުމީދޫއިން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރިން ވިދާޅުވެފައި ވަނީ އިންޑިއާއިން ދޭ ކްރެޑިޓްލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ކަމަށެވެ.
އައްޑޫގެ ތަރައްގީގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް މިސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.