English Edition
Dhivehi Edition
އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީން ހެލްތު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

އައްޑޫގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ “އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް” އާ ގުޅުންހުރި މުހިއްމު މައްސަލަތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާއި އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީ (އޭޑީސީ) ން ބައްދަލުކޮށްފިއެވެ.

ހެލްތު މިނިސްޓަރާއެކު އިއްޔެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އޭޑީސީގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިނިސްޓަރާއެކު ބޮޑަށް މަޝްވަރާ ކުރެވިފައިވަނީ އައްޑޫ ހޮސްޕިޓަލާއެކު އައްޑޫގެ އިގްތިޞާދީ ތަރައްގީ ކުރިއެރުވޭނެ ގޮތްތަކާ މެދުގައި ކަމަށެވެ.

“ބައްދަލުވުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރިން ހޮސްޕިޓަލް ސަރަަހައްދުގައި ރެސްޓޯރެންޓްތަކާ އަދި އެކޮމެޑޭޝަންތައް ހެދުމާ ގުޅޭގޮތުން . އެސަރަހައްދަކީ މީހުން ދިރިނޫޅޭ އަދި ވަސީލަތްތައް މަދު ، ފަޅު ސަރަހައްދެއްގެ ގޮތުގައި އޮތުމުން ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ. ހަމަ އެއާއެކު އެސަރަހައްދުގައި މިފަދަ ތަންތަން ގާއިމު ކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެން ދިއުމަކީ އައްޑޫގެ ވިޔަފާރިވެރިންނަށް ވެސް ލިބިގެންދާނެ އިތުރު އިގްތިޞާދީ ކުރިއެރުމެއް” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ހޮސްޕިޓަލް، އައްޑޫ އިގްތިސާދީ ތަރައްގީއަށް ވަރަށް މުހިންމުކަމަށާއި މިތަނަކީ ސަރަހައްދީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކޮށް ދެކުނުގެ ރައްޔިތުންނަށް މާލެ ނުގޮސް އައްޑޫގައި ހުރި ހޮސްޕިޓަލުން ފަރުވާ ދެވޭނެ ތަނެއް ކަމުގައި ހެދުން މުހިއްމު ކަމަށެވެ. އަދި އައްޑޫއާއި ދެކުނުގެ އެހެންރަށްތަކާއި ހެޔޮ އަގުގައި ވައިގެ މަގުން ގުޅުވާލެވިފައި އޮތުމުން މިއީ ރައްޔިތުންނަށް ލިބިގެންދާނެ ލުއި ފަސޭހަ ކަމެއް ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވެވިއެވެ.

މިފަދަ ބައްދަލުވުމަކަށް އޭޑީސީއިން އެދުމުން އެކަމަށް ފުރުސަތު ދެއްވަވައި މިނިސްޓަރާއި އެކު މަޝްވަރާ ކުރެވޭނެ ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި އޭޑީސީން ވަނީ މިނިސްޓްރީއަށް ޝުކުރު އަދާ ކޮށްފައެވެ. އަދި މި ބައްދަލުވުމުގައި މުހިއްމު ގިނަ ކަންތައްތަކެއް މިނިސްޓަރ ވެސް ފާހަގަކުރެއްވެވި ކަމަށާއި ހޮސްޕިޓަލާ މެދު މިނިސްޓްރީން ކުރައްވާ އުއްމީދު ތަކާއި އެތަނަކީ އައްޑޫގެ ރައްޔިތުން އެދޭ ފެންވަރުގެ ޚިދުމަތް ލިބޭނެ ހޮސްޕިޓަލަކަށް ހެއްދެވުމަށް މިނިސްޓްރީން ކުރައްވަވަމުން އަންނަ މަސައްކަތްތައް މިނިސްޓަރ ވަނީ އޭޑީސީ އާއި ހިއްސާކުރައްވަވާފައެވެ. ހަމަ އެއާއެކު އޭޑީސީން އެދުނު ކަންތައްތަކަށް މިނިސްޓަރ ދެއްވެވީ ވަރަށް ޕޮޒިޓިވް ޖަވާބު ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވެވިއެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީން މިދިޔަ ހަފްތާގައި ވަނީ އައްޑޫ ޕޯޓް ސަރަހައްދު ދެކުނުގެ ވިޔަފާރި ހަބަކަށް ހެދުމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރާ ވެސް މަޝްވަރާ ކޮށްފައެވެ.

އައްޑޫ ޑިވޮލޮޕްމަންޓް ކޮމެޓީގައި އައްޑޫ ސިޓީގެ ހުރިހާ ރަށެއް ތަމްސީލްވެ އެވެ. އަދި ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި މައްސަލަތައް ހައްލުކުރުމަށް އެ ކޮމެޓީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީގެ ރައީސްއަކީ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އެވެ.