English Edition
Dhivehi Edition

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔެފައިވާ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވާލައިފިއެވެ.

 

ޖަމްއިއްޔާ ތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެން އުވާލާފައިވަނީ ޖަމިއްޔާތަކާ ބެހޭ ޤަވައިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމިއްޔާގެ މުދަލާއި ދަރަންޏާއި އަދި ޖަމިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ޓަކައި، ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުން ރަޖިސްޓްރާ އޮފް އެންޖީއޯސް އަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.

އެމްޑީއެންގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލްކޮށް މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ 45 ދުވަސް އެ ޖަމްއިއްޔާއަށް ދިނީ މިދިޔަ ނޮވެމްބަރު ފަސް ވަނަ ދުވަހު ން ފެށިގެން ޑިސެމްބަރ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމައްސަލައާއި ގުޅިގެން އޮކްޓޯބަރ 10 ން ފެށިގެން އެ ޖަމިއްޔާ އޮތީ ސަސްޕެންޑް ކޮށްފައެވެ.

އެ ޖަމްއިއްޔާ އުވާލަން ނިންމީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނެވެ.

އެމްޑީއެންއިން ނެރުނު “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވާލައި، އެ ޖަމިއްޔާގެ މައްސަލަ ބަލަން މީގެ ކުރިން ގޮވާލައިފަ އެވެ.

އެ ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

ރިޕޯޓު ލިޔުމުގައި އުޅުނު އެމްޑީއެންގެ އިސްވެރިން ކަމަށްވާ، ޝަހިންދާ އިސްމާއީލާއި ޑރ. އަޒްރާ ނަސީމް ދިރިއުޅުއްވަނީ ރާއްޖެއިން ބޭރުގައެވެ. އެ މީހުން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖޭގައި ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ އެ މީހުން ވަނީ ފުލުހަށް ހާޒިރުވެ ބަޔާން ދިނުމަށް ދެކޮޅު ހަދައިފަ އެވެ.

 

ދީނީ އިލްމުވެރިންގެ އެހީތެރިކަމާ އެކު ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ، ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ފުލުހުންގެ އިދާރާއިން ހެދި އެ ރިޕޯޓްގެ އެސެސްމަންޓުން ވެސް އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރިކަން ހާމަވި ކަމަށެވެ. އެހެންވެ، ފުލުހުން ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނަ އެވެ.

މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އިން އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިލްސިލާ މުޒާހަރާ ތަކެއް ވަނީ ކޮށްފައެވެ. އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 140 އަށްވުރެ ގިނަ ކައުންސިލުން ގޮވާލާފައިވާ އިރު ރާއްޖޭގެ ދީނީ އިލްމުވެރިންގެ ގުޅުމުންވެސް ވަނީ އެޖަމާއަތް އުވާލައި، ރިޕޯޓް ނެރުނު ފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ބޭރުގެ ބައެއް ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވެ އެވެ.