English Edition
Dhivehi Edition

މިއަދު ކުރިއަށް މިދާ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނީ އެމްޑީޕީންކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އިންތިހާބާ ބެހޭގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ލަސްވެ، އޮޅުން އަރާ އެތައް ކަމެއް ހުރި ނަމަވެސް މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު އެމްޑީޕީ ކަމަށެވެ. “ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރަށް ލިބޭނީ 20 އިންސައްތަ ވޯޓު. އިންތިޚާބުން މޮޅުވާނީ އެމްޑީޕީ ” ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އިންތިހާބުގައި ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން މާލެއާއި އަތޮޅު ތެރޭގައި ކުރިއަށްދާއިރު، ދިމާވި ބައެއް މައްސަލަތަކާއި ހުރެ ބައެއް ފޮށިތަކުގެ ވޯޓުލުން ފެށިފައިވަނީ ލަހުންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި 1497 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 255987 މީހުންނަށް ލިބިފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމަށްޓަކައި ޖުމްލަ 422 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.