English Edition
Dhivehi Edition

އަހަރެން ރަށަށް އައިސް ގެޔަށް ވަނުމާއެކު މަންމަ އެެއްކަލަ ލެކްޗަރ ދޭން ފަށައިފިއެވެ. “ދެން މާލެ ދާނެ ކަމެއް ނެތް،” މަންމަ ފޯނެއް ކޮށްލިޔަސް އެނޫން ވާހަކައެއް ނުދައްކާނެއެވެ. ” ރަށަށް އައިސް މީހަކާ އިނދެގެން ރަށުގައި އުޅޭ.” ދެން ދައްކާނީ މާލެ ކަމުނުދާ ވާހަކަޔާއި ރަށުގެ ހިތްފަސޭހަކަމާއި އުޅެން ފަސޭހަވާހަކައެވެ. އަދި އެހާ ވަރަކުންވެސް ނުނިމޭނެއެވެ. މަންމަ ރަށުން ބޭރަށް ނުދާ ވާހަކަޔާއި ބައްޕައާ އިން ގޮތަށް ދެވަނަ މީހަކަށް ބަލާވެސްނުލާ ވާހަކައެވެ. މިކަމާހެދި އަހަރެން ހުންނަނީ ރަށަށް ނާންނާށެވެ. އެކަމަކު މިފަހަރު މިއައީ މަންމަ ބަލިވާހަކަ ބުނެގެންނެވެ. “ތެދެއް ދަރިފުޅާ،” މިއަދު ފުރަތަމަ ފަހަރަށް ބައްޕަވެސް މަންމައާ ބައިވެރިވެގެން އެކަމަށް ބާރު އަޅައިފިއެވެ. “އެ އުޅެނީނު މުދިންބެގެ އާމިރު. ދަރިފުޅު މާލެ ނުދާއިރު ކިހާ ގުޅިގެންތަ އުޅުނީ. އެވެސް ކިހާ ރަނގަޅު ކުއްޖެއް.” އެއީ އަހަރެންގެ އުމުރުން އެގާރަ ބާރައިގެ ދުވަސްވަރުގެ ވާހަކައެކެވެ. އޭރު އާމިރަކީ އޭރުގެ ފުރާވަރު ކުއްޖެކެވެ. އެކަމަކު އިސްކޮޅުން ކުރުކަމުން އަހަރުމެން ވަނަމަކަށް “މަނާ” އޭ ވެސް ކިޔަމެވެ. އެ އުމުރުގެ ކިތަންމެ ކުދިންނެއް އޭރުވެސް އަހަންނާ އަޅައިގެން އުޅެއެވެ. އެހެންނަމަވެސް އާމިރުހާ ބޮޑަށް އެކަމާ އުޅުނު އެހެން ކުއްޖެއް ނެތެވެ. “މިހާރު އޭނައަކީ ވިޔަފާރިވެރިޔެއް.” މަންމަ އަބަދުވެސް ބަލާނީ މީހާގެ ތަނަވަސްކަމަށެވެ. “ގޭގެ ފުރާޅުގައި ޓިނު ޖަހައި ކަލޭގެ ކޮޓަރި ހަދައި މި ހުރިހާ ކަމެއް ކުރެވޭނެ.” މަންމަގެ ތަގުރީރު ނުނިމޭނެކަން އެނގުމުން އަހަރެން ގޮސް ކޮޓަރިއަށް ވަދެއްޖެއީމެވެ. ތެދެކެވެ. ކޮޓަރިގަނޑު ހުރީ އަހަރެން ފުރައިގެން ދިޔައިރުވެސް ހުރި ގޮތަށެވެ. ރޭނިގޮތަށް ސިމެންތިވެސް ޖަހާނުލައެވެ. މާލޭގައި އެހާ ހިތްގައިމު ގެއެއްގައި ދިހަ އަހަރު ހޭދަކޮށްލާފައި އައިސް މި ކޮޓަރިގަނޑުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ “މިތާނކު މިގޮތަކަށް ނޫޅެވޭނެ.” އަހަރެންގެ ހިތް ބުންޏެވެ. ގިފިއްޔަށް ވަދެ ވަޅު ދާނިން ފެންވަރަން ޖެހުމަކީވެސް އަވަހަށް އެނބުރި މާލެ ދާންވީއޭ ހިތަށް އެރި ކަމެކެވެ. ފެން ކިތަންމެ ތާޒާއަކަސް އެހާ ފިންޏެވެ. މާލޭގެ ފެން މިހާރަކު މަންމަ އެބުނާހާ ނުސާފެއް ނޫނެވެ. އެ ފެނުން ފެންވެރިޔަކަސް އަހަރެންގެ ބޮލަކުން އިސްތަށްޓެއް ވެސް ނުފައިބައެވެ. ރަށަށް އައުމުގެ ކުރީގައި ސެލޫނަކުން ސްޓައިލް ކޮށްލާފައި ހުރުމުން ވިގެއް ކަމަށް ހީކޮށް އެތައް ބަޔަކު ބެއްޔެވެ. އަސްލުކަން އެނގުމުން އެންމެން ހައިރާންވިއެވެ. “ދަރިފުޅު މިހާރު ހީވަނީ މާލޭގެ ބޭފުޅެއްހެން.” މަންމަ ބުނެލީ އެހެންނެވެ. އެކަމަކު މާލޭގައި ސްޓައިލްކޮށްފައި ހުންނަނީ ހަމަ އެކަނި ބޭފުޅުން ނޫންކަމެއް މަންމައަކަށް ނޭނގޭނެތާއެވެ. ފެންވަރާ ތައްޔާރު ވެގެން ނުކުތް އިރު ބޮޑު އަށިމަތީ ކާން ހަދާފައި ހުއްޓެވެ. ދަތުރުމަތީ އެއްޗެއް ނުކައި ހުރުމުގެ ސަބަބުން އަހަރެން ހުރީ ބަނޑުހައިވެފައެވެ. އެކަމަކު ކެވޭނީ ބައްޕަ އައި އިރަކުންނެވެ. އޭރަކު އަދި އަށިމަތީ އިތުރު މީހަކަށް ކާން ތައްޔާރު ކޮށްފައި ހުރި ކަމެއް ނޭނގެއެވެ. ބައްޕައާއެކު އައިސް އެވަނީ އާމިރުކަން ވިސްނުނީ އޭނާގެ ކުރުކަމުންނެވެ. އަދިވެސް ހަމަ އެ ވަރުގަދަ އިސްތަށިގަނޑެވެ. އުމުރުން ތިރީހާ ކާރި ކުރިޔަސް އާމިރުގެ ސިފައަކުން އެކަމެއް ނޭނގެއެވެ. އަހަރެންވެސް ސަލާންކޮށް ހާލު އޮޅުން ފިލުވީމެވެ. ނުރައްޓެހިވާނެ ކަމެއް ނެތްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އާމިރު ގިނަ ވަގުތު ހޭދަ ކުރަނީ ގެއަށް އައިހެވެ. އަދި އަހަރެން ގޭގައި އުޅެންޏާ ކޮޓަރިއަށް ވަދެ އިނދެއެވެ. ދައްކާނީ ކުރީގައި ރަށުގައި ކަންތައް ހުރި ގޮތުގެވާހަކަޔާއި އަހަރުމެން ކުޑައިރު ކޮށް އުޅޭ މަޖާ ކަންތަކުގެ ވާހަކައެވެ. އެހުރިހާވާހަކައެއްވެސް އިއްޔެ ވީ ކަމެއްހެން އޭނާ ހަނދާން ހުރެއެވެ. އާމިރު ކިތަންމެ އިރަކު ވާހަކަ ދައްކަން އިނަސް އަހަންނާ ގުޅެން ބޭނުން ވާހަކައެއް ރައްޓެހިވާން ނުވަތަ އިންނަން ބޭނުން ވާހަކައެއް ނުދައްކައެވެ. އެހެން ކަމުން އޭނާ އައިސް އުޅުމަކުން އަހަންނަކަށް އުނދަގުލެއް ނުވެއެވެ. މަންމަމެން ކައި ހަދައިގެން ނިދާނީއެވެ. އަހަންނަކަށް އެހާ އަވަހަކަށް ނުނިދޭނެއެވެ. އެހެންވެ ކުރާނެ އެހެން ކަމެއް ދާނެ ތަނެއް ނެތީމާ އާމިރުއާ ވާހަކަ ދައްކަން އިނދެވެނީއެވެ. އެއީ ވިއްސާރަ ރެއެކެވެ. ވިދާ ގުގުރާވަރުން ހީވަނީ ގެގަނޑުވެސް ވެއްޓިދާނެހެންނެވެ. އާމިރު އެރޭ އިންކަން ކިތަންމެހާވެސް ރަނގަޅޭ އަހަރެންގެ ހިތަށް އެރިއެވެ. އެކަމަކު ފަހުން ކަންތައް ހިނގާނެ ގޮތް އެނގޭނަމަ އެކަމެއް ނުކުރީމުހެވެ. ގުގުރާ ވިދުމުގެ ތެރޭން އަހަރެންގެ ހަޔާތަށް އެއައީ އަތުވެދާނެކަމަށް އަހަރެން ދުވަހަކުވެސް ހީކޮށް ހުރި ކަހަލަ ޒަލްޒަލާއެއް ނޫނެވެ. ގުގުރުމުގެ އަޑާއި ވިދުވަރުގެ އަލީގެތެރޭގައި ފެނުނު ބިރުވެރި ހުފަނެއް ފަދައިން ވީނުވީއެއް ނޭނގި އަހަރެން ހަޔާތުގެ އަލިކަން ގެއްލި ނަފްސުގެ ތާހިރުކަން ކެނޑިގެން ހިނގައްޖެއެވެ. އެކަންތަކުގެ ފަހުން ގިނަ އިރެއް ނުވެ އާމިރު ހިނގައްޖެއެވެ. އަހަރެންގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލާފައެވެ. ޖިސްމު ވެއްޔާ މޮޑެލާފައެވެ. މިވާހަކަ މަންމަމެންގެ ގާތުގައި ބުނުމުގެ މާނައެއް ނެތެވެ. މަންމަމެން ބޭނުންވަނީ އަވަސް ގޮތަކުން އާމިރުއާ އަހަރެންގެ ކާވެނި ކުރުންކަން އަހަންނަށް އެނގެއެވެ. ބުނެފިނަމަ އަވަހަށް ކާވެނިކުރަން ބާރު އަޅާނީކަން އަހަންނަށް އެނގެއެވެ. އަނެއް ރެއަކު އާމިރެއް ނާދެއެވެ. އަހަންނަށް ވެސް ރަނގަޅީ އެގޮތެވެ. އޭނާގެ މޫނު ދެކޭކަށް އަހަރެންވެސް ދެނެއް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ހިނގި ކަންތައް ނުހިނގާ ކަމަކަށް ވެސް ނުވާނެއެވެ. ރަށުތެރެއަށް އަގުވެއްޓި ބޭޒާރުވުމަށް ވުރެން، މައިން ބަފައިން ރުހޭ ގޮތެއް ހަދަންވީއޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ. އާމިރު އައުން ހުއްޓުމުން މަންމަމެންގެ ސުވާލުތައް ފުނިޖެހުނެވެ. “ދަރިފުޅު އެއްޗެއް ބުނީތަ؟ ކާވެންޏާ ނުގަބޫލުވީތަ؟” މިހެންގޮސް އެތައް ސުވާލެކެވެ. މިއަކަށް ދޭނެ ޖަވާބެއް ނެތެވެ. އެހެންވެ އަހަރެން އެންމެފަހުން ގޮތް ހުސްވެގެން އާމިރުއާ ބައްދަލު ކުރަން ހިނގައްޖެއީމެވެ. “އަހަރެންނަކަށް ތިޔަކަހަލަ އަންހެނަކާ ނީނދެވޭނެ، ” އާމިރު ކުށްވެރިކުރީ އަހަންނެވެ. “މާލޭގައިވެސް ކަލޭ އުޅެފައި ހުންނާނީ ތިޔަހެން. ދިމާވާ ކޮންމެ މީހަކު ކައިގެން ތުންފުހޭ ތުންފުއްސެއް ހެން.” އަހަރެން ހައިރާންވިއެވެ. އެއަކީ ހަގީގަތެއް ނޫނެވެ. މާލޭގައި ވެސް އަހަންނާ ރައްޓެހިވާން އެތައް ޒުވާނުންނެއްނެއް އުޅުނެވެ. ރައްޓެހިވެގެންވެސް އުޅުނީމެވެ. ފުރަތަމަ ރައްޓެހިވި ކުއްޖާއަކީ ވިޔާނުދާ ކުއްޖެއްކަން އެނގުމުން ރުޅިވީއެވެ. އެކުއްޖާއާ އެކީވެސް އެގޮތަކަށް ނޫޅެމެވެ. އޭގެފަހުން ކުއްޖަކާ ރައްޓެއްސެއް ނުވަމެވެ. އަދި މިހާތަނަށް އެއްވެސް ކުއްޖަކާއެކު އެކަނި އެއްކޮޓަރިއެއްގައި ވަގުތު ހޭދަކުރާނެ ފުރުސަތެއް އަހަރެން ދީފައެއް ނުވާނެއެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ. އަހަރެންނަށް ބޮޑަށް އަނިޔާވީ އާމިރުގެ ޝިކާރައަކަށް ވީމާ ކަމެއް ނުވަތަ އޭނާ އެބުނި ބަސްތަކުން ކަމެއް ބުނެދޭކަށް އަހަންނަކަށް ނޭނގެއެވެ. ރުއީމެވެ. ކަރުނަ ހުސްވަންދެންނެވެ. އެކަމަކު ފުރައިގެން މާލެ ދިޔަޔަސް އަހަރެންގެ ނަފުސުގައި އޮތީ ކޮން އަގެއް ހެއްޔެވެ؟ މިއަދު ބައިލާރިއަކަށް ވެސް މީހަކު އަހަރެން ގަނެފާނެ ހެއްޔެވެ؟ މަންމަމެންގެ ނުރުހުމާއެކު އަހަރެން މާލެ ދިޔައީ އަލުން އެނބުރި ރަށަށް ނުދިއުމަށް އަޒުމު ކަނޑައަޅައިގެންނެވެ. ދުނިޔޭގައި ހުރިއްޔާ ކޮންމެވެސް ގޮތެއް އޮންނާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. ރަށްޓެހިވާން އެދުނު މީހުންގެ ތެރޭން އަހަރެންގެ ހާލާމެދު ހަމްދަރުދީވި މީހަކާ ކާވެނި ކޮށްފީމެވެ. އެވަގުތު ދުނިޔޭގެ ލަދުން އަހަރެން ސަލާމަތްވިއެވެ. އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔައިމެވެ. މިކަންތައް މިގޮތުގައި ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ފިރިމީހާ އަހަރެން ވަރިކޮށްލިއެވެ. ދަރިފުޅާއެކު އެކަނިމާއެކަނި ދިރިއުޅެން ޖެހިއްޖެއެވެ. އާމިރު މާލެއައިސް އަހަރެން ހުރިތަނެއް ހޯދިއެވެ. އަހަރެންގެ ވޭނީ ހަޔާތް ފެށުނީ އަދި ކިރިޔާއެވެ.   ނިމުނީ