English Edition
Dhivehi Edition

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ޑރ.އަފްރާޝީމް ގެ މަރާއި ގުޅިގެން ޖަމިއްޔަތުއް ސަލަފާއި ބެހޭގޮތުން ރިޕޯޓުގައި ހިމަނާފައިވާ ކަންކަން ދޮގުކޮށްފި އެވެ.

މިއަދު ޖަމިއްޔަތުއް ސަލަފުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ޑރ. އަފްރާޝިމް އަލީ އިބްރާހިމް މިސްކިތުގައި ހުކުރު ކުރެއްވުމަށް ފަހު ނިކުންނެވުމުން، އެމަނިކުފާނު ގައިގައި ތަޅައިގަތީ ސަލަފުން ކަމަށް ބުނުމާއި މަރު ކޮމިޝަނުން ސުވާލު ކުރި އައްޝައިޙް މުހައްމަދު ލަތީފަކީ ސަލަފްގެ އިސް ޝެއިހެއް ކަމަށް ބުނުމާއި، 8 މެއި 2012 ގައި އިސްކަންދަރު ކޮށީގައި ޑރ.އަފްރާޝިމް ތުނބުޅި އާއި މެދު ދެއްކެވި ވާހަކަފުޅަށް ޖެހިގެން އައި ދުވަހު ސަލަފުން ރައްދު ދީ ޤާރާރެއް ނެރުނު ކަމަށް ރިޕޯޓުގައި ހަވާލާ ދީފައި ވަނީ ރަޖިސްޓަރީ ނުކުރާ ނޫހުކަށް ކަމަށް ސަލަފުން ވިދާޅު ވެއެވެ.

ސަލަފް ޖަމިއްޔާ އިން މި ނޫސްބަޔާން ނެރެފައި ވަނީ އެ ޖަމިއްޔާ އުވާލައްވަން ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. އެގޮތުން ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނާ ގޮތުން ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ރިޔާސަތަށް އަންގާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.