English Edition
Dhivehi Edition
ދަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: ފޮޓޯ ވަން އޮންލައިން

އަވަށްޓެރި އިންޑިއާގެ ބެންގަލޫރުން ވައިގެ މަގުން ރާއްޖެ އައި އެޤައުމުގެ ދެ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މި ހިނގާ ނޮވެމްބަރ މަހުގެ ދެވަނަ ދުވަހުގެ ހަވީރު ރާއްޖެ އައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނެއްގެ ލަގެޖް ކަސްޓަމްސް އިން އެކްސްރޭ ކުރިއިރު، ފޮށި ތެރޭޣައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ފާހަގަކުރެވިގެން ބަލައިފާސްކުރިއިރު، އޭގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އަދި ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެމީހުންގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީ ޖުމްލަ ބަރުދަނުގައި 2.146 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 572،982ރ. (ފަސް ލައްކަ ހަތްދިހަ ދެހާސް ނުވަސަތޭކަ އަށްޑިހަ ދެ ރުފިޔާ) އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން ބުނީ މިމައްސަލައިގައި ޝާމިލްވާ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.