English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭ ގޮތަށް އިންޑޯ ކޮމްޕްލެކްސްއެއް ގާއިމުކުރުމަށް ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނިންމާގޮތަށް އެކުންފުންޏާއި ހަވާލުކުރި މި ސްޕޯޓްސް ކޮމްޕްލެކްސް އަކީ ދައުލަތުގެ ބަޖެޓުން 4.5 މިލިއަން ދިވެހި ރުފިޔާއަށްވުރެން ގިނަރުފިޔާ ޚަރަދުކޮށްގެން ޤާއިމްކުރެވޭ ތަނެކެވެ. މިއަދު ހަވީރު ފޭދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑޯ ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވާއިރު އެތަނުގެ މަސައްކަތް ހަވާލުކުރި ކަމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. ފޭދޫ ކުޑަކުދިންގެ ޕާކްގެ ދެކުނުން ހިއްކި ބިމުގައި ގާއިމު ކުރާ ކޮމްޕްލެކްސްގެ ބިންގާ އަަޅުއްވައި ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހީމްދީދީ (އައިބީ) އެވެ. އިންޑޯ ކޮމްޕްލެކްސްގެ ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ވިމްލާ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (ވިމްލާ) އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އިރުތިޝާމް ވިދާޅުވީ ފޭދޫގައި ގާއިމުކުރެވޭ ސްޕޯޓްސް ކޮމްޕްލެކްސް އަކީ ދިވެހި ޒުވާނުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާއިނުލާ ދިވެހި ކޮންމެ ދަރިއަކަށް ބޭނުންކުރެވޭނެ ކޮމްޕްލެކްސްއެއް ކަމަށެވެ. މީގެކުރިން ދިވެހި ޒުވާނުންނަށް އަމާޒްކޮށްގެން އެޒުވާނުންގެ ކުރިއެރުމަށާއި ބާރުވެރިކަމަށް އަދި ޒުވާނުންގެ ތަރައްޤީއަށް ހިންގިފައިނުވާ އެތަކެއް ގިނަގުނަ މަޝަރޫޢުތަކާއި ޕްރޮގްރާމްތައް ވޭދުވެދިޔަ ތިންއަހަރުގައި ހިންގިފައިވާކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޕޯޓްސް އެރީނާއެއް ޤާއިމްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ އެފަދަ ބޮޑު ބިޔަ މަޝްރޫޢުތަކެއް ހިންގަން ކެރިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.